އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި މި އެމްއޯޔޫގެ ދަށުން މޯލްޑިވްސް އެއަރޕޯޓްސްގެ މުވައްޒަފުންނަށް މެޕްސް ކޮލެޖުން ހިންގާ ކޯސްތަކެއްގައި ހެޔޮ އަގެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެތެރޭގައި، އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކާ އެކު އެ ކޮލެޖުގެ ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް، ޕްރީމާސްޓަސް ޕްރޮގްރާމް އަދި ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝަޔަރގެ މާސްޓަރސް ކޯސްތައް ވެސް ހިމެނެ އެވެ.
މީގެއިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ތަމްރީނު ބޭނުންވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޓެކްނޮލޮޖީ ހުނަރުތައް ޒަމާނާ އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތުވެސް މި އެމްއޯޔޫގެ ދަށުން މަގުފަހި ވެގެންދާނެކަމަށް މެޕްސް އިން މައުލޫމާތު ދެއެވެ.
އިއްޔެ މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މެޕްސް ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ -އެޑްމިނިސްޓްރޭޓިވް އެފެއާރސް އައިމިނަތު އަބްދުލް ވާހިދެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ތޯހާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް ތަމްރީނު ހޯދުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި ވަކި އުމުރެއް ބެލުމެއް ނެތި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ މުވައްޒަފުން ތައުލީމު ހޯދުމަށް ހިތްވަރު ދެއްވި އެވެ.
މި އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އެމްކިއުއޭ ގެ ހުއްދައާއެކު އޮންލައިންކޮށް ވެސް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.
ލުއި ފަސޭހަކަމާއެކު އާއްމުންނަށް މަތީ ތަޢުލީމުގެ ޚިދުމަތް ދެމުން އަންނަ މެޕްސް ކޮލެޖަކީ 1999ވަނަ އަހަރު ވުޖޫދަށް އައި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.