
ޓްވީޓާގައި ރިޝީ، އޭނާގެ ހިޔާލު ފާޅުކުރަމުން ބުނީ، އިންޑިއާގައި ކުއްލި ހާލަތު އިއުލާންކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާގައި ހިނގަމުންދާ ކަންކަންކަމަށް ބުނެ ޓީވީން ދައްކާ ކަންކަމަށް ބަލާއިރު މީހުން ފުލުހުންނާއި ސިއްހީ މުވައްޒަފުންގެ ގައިގާ ތަޅާ މަންޒަރު ފެންނަ ކަމަށެވެ. މިހެންކަމުން، މި ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކުއްލި ހާލަތު އިއުލާންކުރަން ކަމަށް ވެސް ބުންޏެވެ.
މިވަގުތު ވެސް އިންޑިއާ، 21 ދުވަހުގެ ލޮކްޑައުނެއްގައި އޮތްއިރު، ރިޝީގެ ހިޔާލާއެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުން މިވަނީ އޭނާއަށް އަމާޒުވެފަ އެވެ. އެގޮތުން ލޮކްޑައުނެއްގައި ނުވިކަމެއް އެމެޖެންސީގައިވާނެތޯ ސުވާލުކޮށް، އެމީހުން ވަނީ އެފަދަ ހާލަތެއްގައި އެގައުމުގައި ދިރިއުޅޭ ފަގީރުން ދިރިއުޅޭނެ ގޮތަކާ މެދު ވެސް ސުވާލު އުފައްދާފަ އެވެ. އަދި ސަރުކާރުން އެފަދަ މީހުންނަށް އެއްވެސް އިންތިޒާމެއް މިހާތަނަށް ހަމަޖައްސާފައި ނުވާ ކަމަށް ބުނެ ވެސް ފާޑުކިޔާފަ އެވެ.
އަނެއް ބަޔަކު ވަނީ ބޮޑު ގެއެއްގައި އިނދެ ކަންކަމަށް ކޮންމެ މީހަކަށް ވެސް ފާޑުކިއިދާނެ ކަމަށާއި ރިޝީއެކޭ އެއްގޮތަށް އެންމެންގެ ގޭގައި ކާނެ އެއްޗެހި ގަނޑުކޮށް ގަތުމުގެ ގާބިލުކަން ނުހުންނާނެ ކަމަށް ވެސް ބުނެފަ އެވެ.
އިންޑިއާ ލޮކްޑައުނެއްގައި އޮތްއިރު އެގައުމުގައި ބޭރަށް ނިކުމެ އުޅޭ މީހުންގެ ގައިގާ ފުލުހުން ތަޅާ މަންޒަރު ވެސް ފެންނަ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ. ފުލުހުންގެ މި އަމަލުތަކާ ގުޅިގެން މީހުން ފާޑުކިޔަ އެވެ. ނަމަވެސް ތަކުރާރުކޮށް ދަނީ ގެއިން ބޭރަށް ނުނިކުތުމަށް އާންމުންގެ ކިބައިންވެސް އެދެމުންނެވެ.