ads
އިންޑިއާ ސިފައިން ފޮނުވާލުމުގެ ރަސްމީ މަޝްވަރާ ތަކެއް ފަށައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ރަސްމީ މަޝްވަރާ ތަކެއް މިއަދު ފަށައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިހާރުވެސް ކުރިއަށް ގެންދާ މި ބައްދަލުވުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރެއްވުމަށް ފަހު ކަނޑައެޅުއްވި ޓީމެއްގެ ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 9:30 ހާއިރު އިންޑިއާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ހައިކޮމިޝަނާއި އެ ގައުމުގެ ސިފައިންގެ އިސް ބޭފުޅުންގެ ވަފުދެއް ވަނީ މަޝްވަރާތަކަށް ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައެވެ.

މީގެއިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުންނާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މަޝްވަރާ ބައްދަލުވުމާއި ގުޅޭ މައުލޫމާތެއް ފޮރިން މިނިސްޓްރީން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަފީރާއި އެކު އިސް ވަފުދެއް ފޮރިން މިނިސްޓްރީއަށް ވަޑައިގެންފައި ވާއިރު، ރައީސް ޑރ. މުއިއްޒު ވަނީ އިއްޔެ ޗައިނާއިން ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާއަށް ރައްދުވާ ފަދަ މޭރުމަކުން ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގައި ކުރިއެރުން ލިބެމުންދާ ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް