ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމެންޓެއް އުތުރުތިލަފަޅުގައި ގާއިމް ކުރުމުގެ މަޝްވަރާ ޗައިނާއާއެކު ކުރެވިފައިވަ ކަމަށެވެ.
ރައީސްގެ ޗައިނާ ދަތުރުފުޅުގައި، ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަން ދިމާނުވާނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީގެ އެއްބަސްވުމެއް ޗައިނާ ސަރުކާރާއެކު ވަނީ ގާއިމް ކޮށްފަ ކަމަށެވެ.
މީގެގެއިތުރުން ބެއިޖިންގައި ހުންނަ ޗައިނީޒް އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއަށް ވެސް އެ ދަތުރުފުޅުގައި ރައީސް ޒިޔާރަތް ކުރެއްވި އެވެ.
އުތުރުތިލަފަޅުގެ މަޝްރޫއަކީ ނިމިދިޔަ ސަރުކާރުުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެތަނުގެ މަސައްކަތް ފެށީ ދިވެހި ސިފައިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާ ތަރައްގީ ކުރުމަށެވެ. އުތުރުތިލަފަޅު ހިއްކުމަށް ފަހު އެ ތަނުގައި މިހާރު ކުރިއަށް ދަނީ ސިފައިންނަށް ބަނދަރާއި ޑޮކްޔާޑެއް ހެދުމުގެ މަސައްކަތެވެ.