ads
ޝަކުވާ
ޝަކުވާ
ނިޒާރު ނުކުމެގެން ދިޔުމުން ނަސީމާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ނަސީމާގެ ރޭވުމާ އެއްގޮތަށް ކަންތައްތައް ކުރުމަށް ދިމާވާނެ އެންމެ ބޮޑު ހުރަސް ނައްތައިލެވުނީތީއެވެ. ދެން އޮތީ ނަވްޔާ ރުއްސުމެވެ. ނަވްޔާ ރުއްސާނެ ގޮތުގެ މަންތަރު ވެސް ނަސީމާއަށް އެނގެއެވެ.
Advertisement

29 ވަނަ ބައި (ޝަކުވާ)

އޭގެ ދިހަ ވަރަކަށް ދުވަސް ފަހުން ހަކީމު ކިޔާ މީހަކާ ކައިވެނި ކުރަން ނަވްޔާ ރަންކިއެވެ. ކައިވެނި ކުރަން އެއްބަސްވިއިރު ކައިވެނި ކުރެވެން އުޅެވެނީ ކޮން ރަށެއްގެ ކާކާ ކަމެއް، ކޮން ސިފައެއްގެ މީހަކާ ކަމެއް ވެސް ނަވްޔާއަކަށް ނޭނގެއެވެ. ބޮޑުބެގެ ނިންމުމާ ދެކޮޅު ހަދާނެ ހިތްވަރެއް ނަވްޔާގެ ނެތެވެ. އެހެން ނޫނަސް ނަސީމާ ދެއްކި ވާހަކަތަކަށް ފަހު ނަވްޔާގެ ދޫ ބަންދުވެފައިވާ ކަހަލައެވެ. ތަގްދީރުގައި ވާނެ ގޮތެއް ވާން ދޫކޮށްލީ ނަވްޔާއަށް ދެރަވާނެ ފަދަ ގޮތެއް ބޮޑުބެ ނުހަދާނެކަމުގެ ޔަގީން ކަން އޮތުމުންނާ އެކު ވެސް މެއެވެ. ނަވްޔާ އިން ހާލަތުގައި ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫން ކަން އެނގުނު ނަމަވެސް އެ ކަމަށް ފުންކޮށް ވިސްނުމަށް ނަވަޔާގެ ސިކުނޑި ނުކުޅެދިފައި ވެއެވެ.

ހުރިހާ ކަމެއް ވެސް ނަސީމާ ރޭވީ އަޒްކާއަށް ސިއްރުންނެވެ. ނަސީމާ ބުނެގެން ހުމައިދާގެ ބާރުއެޅުމާ އެކު އެ ދުވަސްކޮޅު ހައްޔާންމެންގެ ގެއަށް އަޒްކާ ބަދަލުވިއެވެ. ނަސީމާ ކިތަންމެ ސިއްރުކޮށްގެން އުޅުނު ނަމަވެސް އަޒްކާއަށް އެރޭ ހުރިހާ ކަމެއް އެނގުނެވެ. ނަވްޔާ ރަން ކީ ރޭ އަޒްކާއަށް އިއްތިފާގުން އާދެވުނީއެވެ. ސިޓިންގްރޫމް ދޮރުމައްޗަށް އެރި ތަނުން ނަވްޔާ ރަން ކިޔާ އަޑު އިވިފައި އަޒްކާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ނަވްޔާގެ ކައިވެނި ކުރެވެން އުޅޭ މީހާ ފެނުމުން އަޒްކާ އަދި އެއަށް ވުރެ ބޮޑަށް ހައިރާންވިއެވެ. ބަލާބެލުމަށް އެ މީހާގެ އުމުރު ސާޅީހާާ ކައިރި ކުރާނެއެވެ. ބޮލުން އިސްތަށި ފައިބަން ފަށާފައިވުމުން ތަނަވަސް ނިތްކުރި އިތުރަށް ތަނަވަސްކަމަށް ދައްކައެވެ. ދުފާ ރަތްކޮށްލާފައިވާ އިރު މަތިމަހުގައި އިރުއިރު ކޮޅާ އަތް ޖައްސާލައެވެ. ނަސީމާގެ އަތެއް މިކަމުގައި ވެދާނެއޭ އަޒްކާ ހިތަށްއެރިއެވެ. ވަގުތުން ހުރިހާ ކަމެއް ހުއްޓުވަން އަޒްކާ ބޭނުންވިއެވެ. ނަމަވެސް އެތާނގައި ނިޒާރު ވެސް އިށީނދެގެން އިނުމުން ޖެހިލުންވިއެވެ. ރަންކިޔުމުގެ ކަންތައް ނިމިގެން އެންމެން ދަންދެން އަޒްކާއަށް ޖެހުނީ މަޑުކުރާށެވެ. އެންމެން ދިޔުމުން ނިޒާރު އިސްދަށަށް ޖަހައިގެން ހުރެ ކޮޓަރިއަށް ދިޔައެވެ. ނަވްޔާ އެ އިން ގޮތަށް ގޮނޑީގައި އިނީ ޖަހައިފައި އިން ބުދެއްހެންނެވެ. އެ މޫނަކުން އެއްވެސް ކަމެއް ދޭހަ ކުރާކަށް އަޒްކާއަކަށް ނޭނގުނެވެ.

ނަސީމާއަށް އަޒްކާ ފެނުމުން އަވަސްއަވަހަށް އަޒްކާގެ ކައިރިއަށް އައެވެ.  

"މަންމާ މިއީ ކޮންކަމެއް؟" އަޒްކާ އެހިއެވެ.

"އަހާބަލަ މީނދަ ކަމަނާގެ ގާތުގައި." ނަސީމާ ބުންޏެވެ.

ނަސީމާގެ ރާގު ހުރިގޮތުން ނަވްޔާ ސިހިފައި ބަލައިލިއެވެ.

"ނަވް ބުނެބަލަ. ކިހިނެއްވެގެން މި އުޅެނީ؟"

ނަވްޔާ އިސްދަށަށް ޖަހައިލިއެވެ.

"ވެގެން އުޅޭގޮތް މަ ބުނެފާނަން. އަމާ ހިނގި މަގުން ދަރި ވެސް ހިނގީ. އުޅުނު ގޮތުގެ ހިތި ނަތީޖާ މި ފެންނަނީ. ނަވްޔާ ބަނޑުބޮޑު. ދެން އަހަރެމެންނަށް ކުރެވޭނީ ކޮންކަމެއް؟" ނަސީމާ ރުޅިވެރިކަމާ އެކު ވާހަކަދެއްކިއެވެ.

ލިބުނު ޝޮކުން ނަވްޔާގެ މޫނު ހުދު ކަފަކޮޅެއް ހެން ވިއެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެވުނެވެ. ހުރިހާ ކަމެއް އެނގި ހުރެ ނަސީމާ އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ މަންމަގެ ނަން ގަނެފައި އެ ކަހަލަ ވާހަކައެއް ބުނުމުން ނަވްޔާގެ ހިތަށް އަސަރު ކުރާނެ ކަން ނަސީމާއްތައަށް އެނގޭނެއެވެ. މިހުރިހާ ދުވަހު އޯގާތެރިކަމާ އެކު ނަސީމާއްތަ ދެއްކި ވާހަކަތަކަށް ވީ ކިހިނެއް ހެއްޔެވެ؟ ނަސީމާގެ މޫނުމަތިން ކުރިން ވެސް ފެންނަ ފަދަ ރުޅިވެރިކަމާއި ނަފްރަތުގެ ކުލަވަރަށް ހައިރާންކަމާ އެކު ބަލަހައްޓައިގެން އިން ނަވްޔާއަށް ނަސީމާއްތަ ކުޅުނު ކުޅިގަނޑު މަޑުމަޑުން ފަހުމުވާން ފެށިއެވެ. ނޭނގި އިންދާ ކަރުނައިން ދެ ލޯ ފުރިގެން އައެވެ.

ނަސީމާ ބުނި ވާހަކަ ގަބޫލު ނުކުރެވިފައި އަޒްކާ ހުއްޓެވެ.

"އެއީ ތެދެއްތަ؟ ނަވް ޕްރެގްތަ؟" އަޒްކާ އަހައިލިއެވެ.

ނަވްޔާ ބޯ ޖަހައިލިއެވެ. އަޒްކާގެ ކަކުލު ހުޅުން ވަރުދޫވިއެވެ. އެކުވެރިޔާއަށް ޓަކައި ހަމްދަރުދީއިން ހިތް ފުރުނީ ނަވްޔާގެ ކަރުނައިން އެހެން ވާހަކައެއް ބުނެދެމުން ދިޔަ ހެން އަޒްކާއަށް ހީވީތީއެވެ.

"ނަވް...މީހަކު ނަވް ރޭޕް ކުރީތަ؟" ކައިރިއަށް އައިސް އުނޑުފައިން އިށީނދެފައި އަޒްކާ އެހީ ހުއްޓަހުއްޓާފައެވެ.

ނަވްޔާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެ، ދޮރު ތަޅުލިއެވެ. އެނދަށް ވެއްޓިގަތުމާ އެކު ބާރުބާރަށް ނަވްޔާއަށް ރޮވެން ފެށުނެވެ. ދުވަހަކު ވެސް ނަވްޔާއަށް ނަސީމާ ހެވެއް ނޭނދޭނެކަން އެ ވަގުތު ނަވްޔާއަށް ގަބޫލު ކުރެވުނެވެ. ބޮޑުބެގެ މޫނުމަތިން ފެނުނު ނުރުހުމުގެ ކުލަވަރު ތަރުޖަމާ ކުރަން ވެސް މި އެނގުނީ އަދި ކިރިޔާއެވެ. ބޮޑުބެއަށް އިވޭނީ ނަސީމާއްތަ ދެއްކިވާހަކައެވެ. ބޮޑުބެ އޭނައާ ދޭތެރޭގައި ހީކުރާނީ ވެސް ކީކޭ ހެއްޔެވެ؟ އެހެން އެކަކު ގަބޫލު ނުކުރިޔަސް ނަވްޔާ ދައްކާ ވާހަކަ އަޒްކާ ގަބޫލުކުރާނެ ކަން ނަވްޔާއަށް އެނގެއެވެ. އެކަމަކު އަޒްކާގެ ގާތުގައި ހަގީގަތް ފާޅުކުރާނެ ހާ ހިތްވަރު ނަވްޔާގެ އެބަހުރި ހެއްޔެވެ؟

ދޮރުގައި ތަޅާތަޅާ އަތްވާޅުވެގެން އަޒްކާ އެނބުރި ދިޔައެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމުން އަޒްކާގެ ދެ ފައި ވެސް ތުރުތުރުއަޅައެވެ.

"މަންމާ، އަހަރެންނަށް ޔަގީން، ނަވް އެކަހަލަ ކަމެއް ނުކުރާނެ." އަޒްކާއަށް ރޮވެނީއެވެ.

ނަސީމާ، އަޒްކާގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި އަޒްކާއަށް ވިސްނާދެވޭތޯ އުޅުނެވެ.

"އަޒްކޮއަށް ގަބޫލު ކުރަން ދަތިވާނެ ކަން އެނގޭ. އެކަމަކު އެއީ އަޒްކާ ކުރިން ދަންނަ ނަވްޔާއެއް ނޫން. މީހަކަށް މަގުއޮޅޭކަށް މާ ގިނަ ދުވަހެއް ނުނަގާނެ. އެމީހެއްގެ ފިތުރަތުގައި ހުންނަ ގޮތެއް ފަހުން ނަމަވެސް ހާމަވާނެ." ނަސީމާ ބުންޏެވެ.

'ނޫން، އަހަރެންނެއް ގަބޫލެއް ނުކުރާނަން. ނަވްގެ ގޮތް މަށަށް އެނގޭ. ތި ވާނީ މީހަކު ނަވް ރޭޕްކުރީ ކަމަށް."

"އެހެންވިއްޔާ ގޮސް އަހައިބަލަ ކާކުތޯ ނަވްޔާއާ ބެހުނީ. މީހަކު ގަދަކަމުން ބެހުނިއްޔާ ކާކުކަން ވެސް ބުނަންވީނު. މި ހުރިހާ ދުވަސް ވަންދެން ނުބުނެ ހުރީ ކީއްވެ؟" ނަސީމާ އެހިއެވެ.

"އަހާނަން. ނަވް އަހަންނަށް ކިޔައިދޭނެ. މަންމާ އެކަމަކު ޕްލީސް ތި ކައިވެނި ހުއްޓުވައިދީ، ތިއީ ކޮންކަހަލަ މީހެއް ކަމެއް ވެސް ނޭނގޭ. ބައްޕަ ވެސް ކީއްވެ އެއްބަސްވީ؟" ރޮމުން އަޒްކާ ވާހަކަދެއްކިއެވެ.

"ބައްޕައަށް ވެސް އެހެން ގޮތެއް ނުފެނުނީ. ކުއްލިއަކަށް ނަވްޔާއާ އިންނަން އެއްބަސްވާނީ ކާކު؟"

އެ ވަގުތު އިމާޒުގެ މަތިން އަޒްކާ ހަނދާންވިއެވެ.

"މަންމާ، ތުއްތުބޭ ނަވް ދެކެ ލޯބިވޭ، ތުއްތުބޭ އެއްބަސް ވެދާނެ."

"އަޒްކާ މޮޔަވީތަ؟ އިމާޒު ކީއްކުރަން އެހެން މީހެއްގެ ކަމެއް ބޮލުގައި އަޅަންވީ؟ އިމާޒަށް މިކަމުގެ އެއްވެސް ޚަބަރެއް ދީގެން ނުވާނެ."

"އެހެންވިއްތާ އެކަން ކުރިމީހާ ހުންނާނެއެއްނު." އަޒްކާ ރުޅި އަތުވެއްޖެއެވެ.

"އެހާ ގިނަ މީހުން ވައްދާއިރު ވަކި ކާކުކަން އެނގިގެންތާ!"

"މަންމާ ދެން ހެޔޮ ހުއްޓާލާ. އަހަރެން ނަވްޔާގެ ގާތުގައި އަހައިގެން އެ މީހަކުގެ ނަން އޮޅުން ފިލުވާނަން، އޭރުން މަންމަ ތި ކައިވެނި ހުއްޓުވާނަންތަ؟"

ނަސީމާ އެއްބަސް ވުމުން އަޒްކާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އަޒްކާ ދެވަނަ ފަހަރަށް ގޮސް ޓަކި ޖެހުމުން ނަވްޔާ ދޮރު ހުޅުވިއެވެ. އޭރު ނަވްޔާގެ ލޮލުން ކަރުނަ ހިކިފައިވިއެވެ. އަޒްކާއާ ދިމާއަށް ބަލައިލުމެއް ވެސް ނެތި އައިސް ނަވްޔާ އެނދުގައި އިށީނެވެ. ހީވަނީ ވަކިގޮތަކަށް ކަމެއް ނިންމައިގެން އިންހެނެވެ. އަޒްކާ އައިސް ނަވްޔާގެ ގާތުގައި އިށީނދެ އަތުގައި ހިފައިލިއެވެ.

"ނަވް، ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އެއްބަނޑު އެއްބަފާ ނޫނަސް އަހަރެންގެ ދައްތަ. އަހަރެންގެ ހުރިހާ ސިއްރުތަކެއް ހިއްސާ ކުރާ ހަމައެކަނި ފަރާތް. ނަވް އަހަރެންނަށް އިތުބާރުކޮށްފަ އެންމެ ފަހަރަކު ވެސް ވީ ގޮތް ކިޔައިދީބަލަ. އެންމެފަހަރަކު ވެސް ތިކަން ކުރި މީހާގެ ނަން ބުނެބަލަ. އެ މީހާގެ ދުވަސް ދުއްވާލާނަން އޭރުން. އެ މީހާއަށް ހައްގު އަދަބު ދޭން ކުރެވުނު ހުރިހާ ކަމެއް ކުރާނަން. މުޅި ދުނިޔެއާ ހަނގުރާމަ ކުރަން ޖެހުނަސް އަހަރެން ހުންނާނީ ނަވްއާ އެއްކޮޅަށް.' އަޒްކާ ބުންޏެވެ.

"އަޒްކާ، އަހަރެންގެ ކައިވެނި ކުރެވުނަ ދީ،" ނަވްޔާ ބުންޏެވެ.

އަޒްކާގެ އަތުގެ ތެރެއިން ނަވްޔާ އަތް ނެގިއެވެ. އަދި ތެދުވެފައި އަޒްކާއާ ކުރިމަތިލިއެވެ. ހައިރާންވެފައި ނަވްޔާއާ ދިމާއަށް އަޒްކާ ބަލައިލިއެވެ.

"ނަވް، ތިކިޔޭ އެއްޗެއް އެނގޭތަ؟ ކައިވެނި ކުރަން ތިއުޅެވެނީ ކޮންކަހަލަ މީހަކާ ކަން އެނގޭތަ؟" އަޒްކާ ވެސް ތެދުވިއެވެ.  

"ކޮންމެ މީހަކަސް ވަރިހަމަ. އަހަރެންނަށް ދެރަގޮތެއް ބޮޑުބެ ނުހަދާނެެ." 

ކީއްވެ ތި ގޮތަށް ތި ނިންމީ؟ އެންމެ ފަހަރަކު ވެސް އެ އަނިޔާވެރިޔާގެ ނަން ބުނެބަލަ. މަންމަ ވެސް ބުނި އޭރުން ކައިވެނި ހުއްޓުވާނަމޯ."

ހިތިގޮތަކަށް ނަވްޔާ ހީނލިއެވެ. ނަސީމާ އެހެން ބުނާނީ ކީއްވެގެން ކަން ނަވްޔާއަށް ވިސްނެއެވެ. ނަވްޔާގެ ދުލުން އެ މީހާގެ ނަން ބޭރު ނުކުރާނެ ކަން ނަސީމާއަށް ޔަގީންވާނެއެވެ.

"އަހަރެންގެ ތަގުދީރުގައި އޮތް ކަމެއް އެކަކަށް ވެސް ނުހުއްޓުވޭނެ." އަސަރެއް ނެތް ގޮތަކަށް ނަވްޔަ ބުނެލިއެވެ.

"ނޫން ނަވް، ތިހެން ނުބުނޭ" އަޒްކާ ފެންކަޅިވިއެވެ.

"ޕްލީސް ނަވް، އަމިއްލަ ނަފުސަށް ތި އަނިޔާ ނުދީ. ހަމަ އެންމެ ފަހަރަކު އެ މިހާގެ..." އަޒްކާ އާދޭސް ކުރިއެވެ.

"އަބަދު ކޮން މީހެއްގެ ވާހަކައެއްތަ ތި ދައްކަނީ؟" އަޒްކާގެ ވާހަކަ ނަވްޔާ މެދުކަނޑައިލިއެވެ.

"އަޒްކާ ދެންދޭ، އަހަރެން ވަރަށް ވަރުބަލި. ނިދަން ވެއްޖެ."

ގޮތް ހުސްވެފައިވާ މީހެއް ހެން ނަވްޔާއާ ދިމާއަށް ބަލަހައްޓައިގެން އަޒްކާ ހުއްޓެވެ. އަޒްކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ނަވްޔާއަކަށް އަސަރެއް ކުރިހެންނެއް ހިޔެއް ނުވެއެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ދާން ހިނގައިގަތުމުން ނަވްޔާގެ އަތުގައި އަޒްކާ ހިފެހެއްޓިއެވެ.

"އެހެންވިއްޔާ، މަންމަ އެ ދައްކަނީ ތެދު ވާހަކައެއް ތަ؟" އަޒްކާގެ ލޮލުން މިފަހަރު ފެނުނީ ރުޅިވެރިކަމެވެ.

"އަޒްކާ ހީކުރާނެ ގޮތަކަށް ހީ ކުރޭ." ނަވްޔާ ބުންޏެވެ.

ނަވްޔާ ފާޚާނާއަށް ވަނުމުން އަޒްކާ އެ ކޮޓަރިން ނުކުތެވެ. ނަވްޔާއަށް އައިސްފައިވާ ބަދަލު ވީ އަޒްކާއަށް ގަބޫލު ކުރަން ދަތިވި ކަމަކަށެވެ. މީގެ ކުރިން ދުވަހަކު ވެސް އަޒްކޮ ނޫން އެއްޗެއް ނުކިޔާ މީހާ މުޅިން ވެސް މިރޭ ވާހަކަދެއްކީ އަޒްކާއޭ ކިޔައިގެންނެވެ. ނަވްޔާ އެހާ ދުރުވީ ކޮން އިރަކު ހެއްޔެވެ؟ ނަވްޔާގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން ހީކުރާނެ އެއްޗެއް ވެސް އަޒްކާއަކަށް ނޭނގުނެވެ. މަންމަ ބުނިހެން ނަވްޔާއަށް މަގު އޮޅުނީ ހެއްޔެވެ؟

ނަވްޔާ ފާޚާނާއިން ނުކުތް އިރު އަޒްކާ ފެންނާކަށް ނެތެވެ. ނަވްޔާގެ ކަރުނަތައް އޮހިގަތީ ދެނެވެ.

"އަޒްކޯ، އަހަރެން ކިހިނެއް ބުނާނީ؟'

"ނަސީމާއްތަ ބުނީ ރަނގަޅަށް. އަހަރެންގެ މި ސިއްރު ފާޅުވެއްޖިއްޔާ އަޒްކޮގެ ދިރިއުޅުން ހަލާކުވާނެ، އަހަރެންނާ ހަތަރުކަޅި ހަމަކުރަން އުނދަގޫވާނެ."

ދޮރު ތަޅުލުމަށް ފަހު ނަވްޔާ އައިސް އޮށޯވެ، ދެ ލޯ މަރައިލިއެވެ. ނިދޭތޯ މަސައްކަތް ކުރި ނަމަވެސް ލޮލުން ފައިބަމުން ދިޔަ ކަރުނައަކަށް ހުއްޓުމެއް ނައެވެ. ހިތަށް ސިފަވަމުން ދިޔައީ އެރޭގެ ބިރުވެރި ހާދިސާއެވެ. 

(ނުނިމޭ)

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް