މި ސޮއި ކުރި އެއްބަސްވުމާއި ގުޅޭގޮތުން އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށާއި އެ މަޝްރޫއު ހަވާލުކުރި އަމިއްލަ ކުންފުންޏަކީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނެފައިވަނީ މިއީ ރާއްޖެފަދަ ބިންކޮޅު ކުޑަ ގައުމެއްގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްކަމަށާއި އަދި މިފަދަ ގައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފްކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީން ފައްޓާ މަސައްކަތެއް ކަމުގައެވެ.
އެގްރިކަލްޗާ މިނިސްޓްރީ ގެ ފަރާތުން މި އެއްބަސްވުމުގައި ފައިނޭންސް އެކްޒެކެޓިވް ފާތިމަތު ޝާއިއާ ސޮއި ކޮށްފައިވާ އިރު ވިސީ ގްރޫޕްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
މި މަޝްރޫއުގެ ދަށުން ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމްކުރެވޭނެ ކަމަށާއި އަދި ރާއްޖޭގައި މިހާރުވެސް ބޭނުންކުރާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗަރުގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވަރު ސިސްޓަމް ގެ އިތުރުން އޭރޯޕޯނިކްސް ޓަވަރު ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން މި ސިސްޓަމްތައް ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ މި މަޝްރޫއުގެ ދަށުން އެ ފަރާތުގެ ފަންނީ ޓީމުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.