ads
ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ: ނަރީޝް
ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާކަމަށް މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
Advertisement

މާލެ ސިޓީ ކައުންސިލުން ހިންގަމުންދާ ބޮޑެތި މަޝްރޫއު ތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ނިންމި ނިންމުމާއި ގުޅިގެން އިންތިހާބީ މޭޔަރުގެ އިތުރުން، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި އެކަމަށް ރައްދު ދެއްވައި މިރޭ ފޭސްބުކް ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ، ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާކަމަށެވެ. 

 ކައުންސިލުން ނިންމީ ކައުންސިލް ފްލޯއަށް ހުށެއަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ  ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިޔަތުން އެގޮތަށް ބޭނުންވީމަ ކަމަށް ނަރީޝް ވިދާޅުވި އެވެ.

 ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހުން ވެސް ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި އެ ކައުންސިލްގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމާއި ބައެއް ހުށަހެޅުންތަކާ މެދު ގޮތް ނިންމުން ކުރިއަށް ގެންގޮސްފައިވެ އެވެ.

އެއަށްފަހު މާލޭ ސިޓީ ކައުންސިލުން ހިންގަމުންދާ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ އެ މަޝްރޫއުތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ލަފާ ދެއްވީ، އެ މަޝްރޫއުތަކާ ހަވާލުވެގެން އޭރު ކައުންސިލްގައި މަސައްކަތްކުރެއްވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދެވެ. އެ ލަފަޔާއެކު، އެކްޓިން މޭޔަރު އަހުމަދު ނަރީޝް އެކަން ކައުންސިލަށް ހުޅަހެޅުއްވި އެވެ.

އެކަމާއި ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާކަމަށާއި، ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް، ރައީސްއޮފީހުގެ ވަޒީރުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.

އާޒިމް ވަނީ، މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރ މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އެދިފައެވެ.

އާޒިމް މޭޔަރުކަަމަށް އިންތިހާބުވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް