ads
ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނުކުރަން ނިންމަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއްކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިއުލާނެއްގައި އެވެ.

އަދި ރައީސް މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސް އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ބާތިލުކުރައްވާފައިވާކަން ރައީސް އޮފީހުން ބުނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ޖަލްސާ އަންނަމަހުގެ 5 ދުވަހަށް މަޖިލީހުން އެޖެންޑާކޮށްފައިވެ އެވެ.

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބާއްވަނީ ކޮންމެ އަހަރަކު ވެސް އެ އަހަރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ ގައި އެވެ  

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ. ޖަލްސާ އޮންނާނީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ފެބްރުއަރީމަހުގެ 9 ވާ ހޯމަދުވަހު ބާއްވާ މި ޖަލްސާގެ އެޖެންޑާގައި އޮންނާނީވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއާ ހަމައަށް ދިޔައިރު އެމަނިކުފާނުގެ ވަޒީރުންނަށް އަދި މަޖިލީހުގެ ރުހުން ދީފައެއް ނުވެ އެވެ. މި ނިމުނު ދައުރު ނިންމާލީ، އެ މައްސަލާގައި ގޮތެއް ނުނިންމަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް