ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތުގެ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާކޮށް އެ ފައިސާ ލޯންޑަރކުރި ކުށް ސާބިތުވެ ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުފާ އަޑުއެހުންތައް ހައިކޯޓްގައި ނިމުނުތާ 2 މަސްވަނީއެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައެވެ. ހުކުމް ިއއްވާ މަޖިލިސް މިހާތަނަށްވެސް ބޭއްވިފައި ނުވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުން ޗުއްޓީގައި ތިއްވެމުންނެވެ.
މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރަުން އަންނަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުއިއްޒާ، އެމަނިކުފާނުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އޭރު ދެއްކެވި ވާހަކަތައް ހަނދާންކޮށްދެމުންނެވެ. އަދި ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އެމަނިކުފާނު އިސްވެ ހުންނަވާ ޕީއެންޕީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕީއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ސަރުކާރުން ރައީސް ޔާމީން މިނިވަން ނުކޮށް އަނިޔާވެރިކަން އިސްކުރަމުންްދާކަމަށެވެ. އަދި މިގޮތަށް ކަންކުރާނަމަ އެމަނިކުފާނުގެ ސަޕޯޓަރުން ކެތްތެރިކަން ކޮޅުންލާ ސީދާ މަގުމަތީ ހަރާކާތަށް ނިކުންނަން ޖެހިދާނެކަމުގެ އިންޒާރު މަލީހް ވަނީ ދެއްވާފައެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ އެންމެ ބޮޑު ވައުދަކީ ރައީސް ޔާމީން މިނިވަންކުރުމެވެ. އަދި އެކަމަށް ގޮވާލާ މާލޭގައި ބޭއްވި އެއްްވުންތަކުގައި މަދުން ނަމަވެސް ޑރ. މުއިއްޒު ބައިވެރިވެޑައިގަތެވެ. ރިޔާސީ އިންތިހާބުގެ ވޯޓްލުންް ނިމުމުން ކުރީގެ ސަރުކާރުން ވަނީ ރައީސް ޔާމީންގެ އަދަބަށް ލުޔެއްދީ ގެއަށް ބަދަލުކޮށްފައެވެ.
ސަރުކާރުން މިހާރު ބުނަމުން އަންނަނީ ރައީސްް ޔާމީނާއި ގުޅުވައިގެން ރައީސް ޑރ. މުއިއްޒު ވެޑައިގެންނެވި ވައުދު ފުއްދާފައިވާކަމަށެވެ. އަދި ރައީސް ޔާމިން މިނިވަންކުރަން ސަރުކާރަށް އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށާއި އެކަމުގައި ގޮތެއް ނިންމުމުގެ ބާރު މިހާރު އޮތީ ޝަރުއީ ދާއިރާގެ އަތްމަތީގައިކަމަށެވެ.