ފުވައްމުލަކު އެއަރޕޯޓްް ބޮޑުކޮށް އެތަނަކީ ޖެޓް ޖެއްސޭ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. އެ މަސައްކަތް ކުރުމަށް ކަމާއި ގުޅޭ މަސައްކަތްތައް ފަށާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.
ރީޖަނަލް އެއަރަޕޯޓްްސް ކޮމްޕެނީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް މި މަސައްކަތުގައި އެ ކުންފުންނިން ގެންގުޅޭ ވިސްނުންތައް ހިއްސާކޮށްފައެވެ.
މި ބައްދަލުވުމަށްފަހު މީޑިއާ ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ފުވައްމުލަކު އޮންނަ ގޮތުން ރަންވޭ ބޮޑުކުރަން ފަޅުން ބައެއް ހިއްކައިގެން އެކަން ކުރެވޭނެގޮތެއް ނެތްކަމަށެވެ. އެހެންކަމުން އެކަން ދެން ކުރެވެން އޮތްގޮތަކީ ރަންވޭ އޮތްގޮތް ބަދަލުކުރުންކަމަށާއި މިކަން ކުރާނަމަ އެ ސަރަހައްދުގެ ބައެއް ގެތެކާއި އިމާރާތްތައް ހުސްކުރަންޖެހޭނެކަމަށް މުބީން ވިދާޅުވިއެވެ.
ސަރަހައްދުން ބައެއް ގެތަކާއި އިމާރާތްތައް ހުސްކުރަން ޖެހޭތީ އެއީ ރައްޔިތުން އެއްބަސްވާނެ ގޮތެއްތޯ ބެލުމަށް ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށްވެސް މުބީން ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ ބަދަލު ދިނުމާއި އެހެނިހެންވެސް އިތުރު ހަރަދުތައް ހިނގާނެކަމަކަށްވާތީ އެކަމުގެ ސާވޭ ކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށްްވެސް މުބީން ވިދާޅުވިއެވެ.
2011 ވަނަ އަހަރު ހުޅުވާ ބޭނުންކުރަން ފެށި ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ. އެއަރޕޯޓް ބޮޑުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން ރަންވޭ 1600 ނޫނީ 1800 މީޓަރަށް ބޮޑުކުރާނެކަމަށް ރީޖަނަލް އެއަރޕޯޓުން ބުނެއެވެ.