މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަައީސް އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޒިމު މިކަން ހާމަކުރައްވަމުން ވިދާޅުވީ މި ނިންމުމަކީ އެސްޓީއޯއިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅި ކަރުދާހަކާ ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފުނަދޫގައި ހުރި ތެޔޮ ސްޓޮރޭޖުތައް ކ.މާގިރިފަޅަށް ބަދަލުކުރުމުގެ މަސައްކަތްކުރާނީ އެސްޓީއޯއިންކަމަށްވެސް ކެބިނެޓުން ނިންމާފައިވާކަމަށް ނާޒިމު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ފުނަދޫގައި އިކޮނޮމިކް ޒޯނެއް ތަރައްގީ ކުރަން ނިންމާފަ އެވެ. މިތަން ތަރައްގީ ކުރަން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ގުޅުވައިގެންނެވެ. މިތަނުގައި ސިޓީ ހޮޓާތަކާއި ބޭންކިން ފެސިލިޓީފަދަ މުހިންމު ފެސިލިޓީތައް ގާއިމް ކުރަން ނިންމާފަ އެވެ.
އެގޮތުން ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް މާގިރިފަޅަށް ބަދަލު ކުރުމުގެ ކަންކަން އެސްޓީއޯ އިން ކުރިއަށް ގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހުގެ ހަތަރެއްގައި އިފުތިތާހު ކުރެއްވި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ވަނީ ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރާނެކަން އިއުލާންކުރައްވާފައެވެ. އެ ތެޔޮ ޓޭންކުތައް ބަދަލުކުރުމަށް ފަހު، އެ ރަށުގައި ޒަމާނީ ފެންވަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރާނެ ކަމަށާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ތަރައްގީކުރާނެ ކަމަށް ވެސް އެ މަޝްރޫއުގައިވެއެވެ.
އެ މަޝްރޫއު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ވީއައިއޭގެ ތަރައްގީއަށް ބިން އިތުރުކުރުމަށް ޓަކައި ސީ ޕްލޭން ޓާމިނަލްގައި ދެމުން އަންނަ ސީޕްލޭންގެ ހުރިހާ ޚިދުމަތެއް ހުޅުމާލެ ކައިރި އޮތް އެހެން ރަށަކަށް ބަދަލުކޮށް ރެއިލްގެ ނިޒާމުން ގުޅައިލާނެ ކަމަށެވެ.