ads
އައްޑޫ ބްރިޖް މަޝްރޫއު އަށް މިސްރުގެ ކުންފުންޏަކާ މަޝްވަރާކުރަނީ
އައްޑޫ ހުޅުދޫ އާއި މީދޫ ގުޅުވައިލަން ބްރިޖު އަޅަން މިސްރުގެ އެންމެ ބޮޑު ކުންފުނިން ޝައުގުވެރިވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖްގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ކަމަށާއި އެ ޕްރޮޕޯސަލްއާ ގުޅިގެން އިކޮނޮމިކް ކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބްރިޖުގެ ސާވޭގެ މަސައްކަތްތައް ހިލޭ ސާބަހަށްކޮށްދޭނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށާއި އެ ކުންފުނިން އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބިނަމަ އެ ކުންފުންޏާއި މަޝްވަރާކޮށްގެން ކުރިއަށްގެންދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަނިކުފާނުގެ "ހަފުތާ 14" ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖާ ގުޅުން ހުރި މުހިއްމު ކަންތައްތަކެއް ރާވާފައިވެ އެވެ. އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ ބްރިޖުގެ ޑިޒައިނާ އެކީ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުވެ.

މިސްރުގެ އަރަބް ކޮންޓްރެކްޓާސް ކުންފުންޏަކީ 1955 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. މި ކުންފުނިން މަސައްކަތް ކުރާ ސަރަހައްދުތަކުގެ ތެރޭގައި މެދުއިރުމައްޗާއި ޔޫރަޕު އަދި އޭޝިއާގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދެ އެވެ. 

މި ފަހުން ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުގައި އިންވެސްޓަރުންނާ އެކު ބޭއްވި ފޯރަމްގެ ތެރެއިން އެ ބްރިޖް އަޅައި ދިނުމަށް ޝައުގުވެރިވާ ކުންފުންޏަކުން ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ސަރުކާރުން އޮފިޝަލުން ވިދާޅުވެފައިވެ އެވެ. 

ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް