އައިޖީއެމްއެޗުން ބުނިގޮތުގައި އެ ބަލީގައި މަރުވެފައިވަނީ 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާއަށް އަޖީއެމްއެޗުގައި 10 ވަރަކަށް ދުވަހު އެދުމަތިކޮށް ފަރުވާ ދީފައިވާކަމަށެވެ.
މީގެ ކުރިން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މި ބަލިން ރައްކާތެރިވުމަށް ދަމަނަވެށިން ވެކްސިން ޖަހައިދޭނެ ކަމަށާއި ހަ މަހުން މަތީގެ ކޮންމެ މީހަކަށް ވެސް ވެކްސިން ޖެހޭނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ އަޅައިބަލާއިރު މި މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި، އިންފްލުއެންޒާގައި މި ފަހުން ވަނީ ޒުވާނަކު ދުނިޔެ ދޫކޮށްފަ އެވެ.
ރާއްޖޭގައި އިންފުލުއެންޒާ ޖެހޭ މީހުން އިތުރުވަމުންދާތީ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) މި ފަހުން ވަނީ އެދިފަ އެވެ.
އެޗްޕީއޭއިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައިވެސް ފެތުރޭ މިންވަރު އިތުރުވާކަމަށް އެ އެޖެންސީ އިން ބުނެއެވެ.
އިންފްލުއެންޒާއަކީ އާއްމުކޮށް ފެތުރޭ ނޭވާލާނިޒާމަށް ޖެހޭ ބައްޔެއް ކަމަށާއި، ބައެއް ދުވަސްވަރު ބަލި ފެތުރޭ މިންވަރު އިތުރުވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި H1N1, H3N2 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެނެއެވެ.