ads
ފެނަކަ އެމްޑީ މައުލޫމާތު ދެއްވަނީ-- ފޮޓޯ: ސީއެންއެމް
ފުވައްމުލަކަށް ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން: ފެނަކަ
ފުވައްމުލައް ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 800 ކިލޮވޯޓްގެ އާ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
Advertisement

ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އިންޖީނެއް ހަލާކުވުމާ ގުޅިގެން މުޅި ރަށުގެ ލޯޑު ހިފެހެއްޓޭ ވަރަށްވުރެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިވަގުތު ދައްވެފައިވާ ކަމަށެވެ. އެހެންކަމުން އެރަށުގެ އެކި ސަރަހައްދުތަކުން ޝެޑިއުލް ކުރެވިގެން ކަރަންޓު ކަނޑަމުންދާ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

މައްސަލަ ޖެހިފައިވަނީ އެރަށުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހަތް ޖަނަރޭޓަރު ސެޓުގެ ތެރެއިން 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއްގައި ކަމަށް ފެނަކައިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޖެހުނު އެ މައްސަލައާއި ގުޅިގެން އެ ޖަނަރޭޓަރު ސެޓުގެ މައިގަނޑު ބައިތަކެއް ހަލާކުވެ، ކަރަންޓު އުފެއްދޭ މިންވަރު ދައްވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. 

ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވުމާއެކު އެ ކުންފުނިން ހިދުމަތް ދޭ އެހެން ރަށެއްގައި ހުރި 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދިއުމަށްޓަކައި އެރަށަށް އުޅަނދެއް ވެސް ފޮނުވި ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް އެ ޖަނަރޭޓަރު ސެޓް އެރަށުން ބާލައިފިނަމަ ރަށުގެ މަސްލަހަތު ގެއްލޭނެ ކަމަށް ބުނެ އެ ކުންފުންޏަށް ލިބުނު ޝަކުވާތަކާ ގުޅިގެން އެ މަސައްކަތް ހުއްޓާލަން ޖެހުނު ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެއާއެކު އިމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ހޯދަން މަސައްކަތް ކުރިނަމަވެސް، އެ ސައިޒުގެ ޖަނަރޭޓަރު ސެޓެއް ރާއްޖޭން ލިބެން ނެތް ކަމަށް ފެނަކައިގެ ބަޔާނުގައިވެ އެވެ.

ފެނަކައިން ބުނީ އިމަޖެންސީ ޕްރޮކިއުމަންޓްގެ ދަށުން 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ހޯދުމަށާއި، އެ ކުންފުނިން ހިދުމަތް ދެ އެހެން ރަށެއްގައި ހުރި 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރޯދަ މަހަށް ކަރަންޓުގެ ހިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީއަށް 1200 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ހޯދުމަށް ނިންމާފައިވާ ކަމަށް ފެނެކައިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް