ads
އެމްޑީޕީގެ އިސްބޭފުޅުން އަދި ޑިމޮކްރެޓްސްގެ އިސް ބޭފުޅުން އެކީގައި
މިއުޅެނީ ޑިމޮކްރަޓްސްއާ ކައިވެނި ކުރާކަށް ނޫން: ފައްޔާޒު
އެމްޑީޕީއާއި ޑިމޮކްރަޓްސްއިން ފަށާފައިވަނީ ހަމައެކަނި ދެ ޕާޓީގެ ކަނބޮޑުވުން ތަކަށް މަޖިލިހުގެ ތެރެއިން ހައްލު ހޯދުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާއި، އެ ޕާޓީގެ ލީޑަޝިޕުން ވަކިވި ބައެއް މެންބަރުންގެ މައްޗަށް އުފެއްދި ޑިމޮކްރަޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، އެ ދެ ޕާޓީން މިވަގުތު ކުރަމުންދަނީ މަޖިލިސް މެދުވެރިކޮށް ސަރުކާރާއި ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ދެ ޕާޓީގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތައް އަދިވެސް އެބަހުރި ކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ވާދަކުރުމަށް ނިންމާފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީކީ އެއްގޮތަކަށް ވެސް ކައިވެންޏެއް ކުރާކަށް ނޫން، އިނގޭތޯ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ގައުމުގަ އަޅުގަނޑުމެން ދެ ބައިވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ، އެކަންކަން އަޅުގަނޑުމެން މަޖިލިސްގެ ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން،" ފައްޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން 20 ވަނަ މަޖިލިސް އެކުލަވާލެވިގެން އަންނަ ގޮތަށް ބަލައި ދެ ޕާޓީން އެކުގައި ސިޔާސީ މަސައްކަތް ކުރުމާމެދު ގޮތް ނިންމާނީ އެއިރެއްގެ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދާއި ސިޔާސީ މަގާމުތައް ކޮންޓްރޯލް ކުރަން ގާނޫނު އަސާސީ އަށް ބަދަލުގެންނަން އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މިހާރު ވަނީ އެއްބަސްވެފަ އެވެ.

"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާ އެކު މި ގައުމުގެ ޑިމޮކްރަޓިކް މުސްތަގްބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް." ފައްޔާޒް ވިދާޅުވި އެވެ.

އަދި އިންތިހާބާ ބެހޭ ގާނޫނަށް ވެސް އިސްލާހު ގެންނަން ނިންމައި، އެ މަސައްކަތްތަކަށް ދައުރުން ބޭރުގައި މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހަޅާފައި ވާ ކަމަށް ދެ ޕާޓީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް