ޑރ. މުނައްވަރު އެޓީމުގައި ހިމެނިކަން ސަރުކާރުން ހާމަ މިކުރީ އެމަސައްކަތުގައި މުނައްވަރު ބައިވެރި ނުކުރަނީ ކިޢްވެތޯ ރައީސް ޔާމީން ދާދިފަހުން ސުވާލު އުފައްދަވާފއި ވަނިކޮށެވެ.
އޭޖީ އޮފީހުން ބުނީ އެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯދަނީ ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިޞިއްޔަތުންކަމަށެވެ. އަދި އެ މަސައްކަތް ކޮށްދިނުމަށް ޑރ މުނައްވަރު އެެއްބަސްވެ މަސައްކަތް ފަށާފައިވާކަމަޥެސް އޭޖީ އޮފީހުން ބުނެއެވެ.
ޑރ މުޙައްމަދު މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ޢައްޔަނުކޮށްފައިވާކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބްގެ އޮފީހުން ބުނެއެވެ. މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާބެހޭ މުއާހަދާ އާ ގުޅުންހުރި މި ފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުންކަމަށްވެސް އެ އޮފީހުން ބުނެއެވެ.
މި ދެބޭފުޅުންނާ ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލައިގައި ދެން ޢަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާގުޅޭ ޤާނޫނީ ލަފައެއް ހޯދުންކަމަށްވެސް އޭޖީ ބުނެއެވެ.
މި ދެ މާހިރުންގެ މަސައްކަތް ނިންމަވާ، ކުރިޔަށް އޮތް ފެބްރުވަރީ މަހުގެ ކުރީކޮޅު އެބޭފުޅުންގެ ޤާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
މި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާ ކެބިނެޓުން ގޮތެއް ނިންމުމުން މި މައްސަލައިގައި ޢައްޔަނުކުރެވިފައިވާ ޚަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތަށް އެ ރިޕޯޓް އާއްމުކުރާނެކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ. އަދި ރިޕޯޓް އާއްމުކުރާއިރު މި މަސައްކަތަށް ޢައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މަޢުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މަޢުލޫމާތުތައް ހާމަކުރުމަށްވެސް ބަންޑާރަ ނައިބު ނިންމާފައިވާކަމަށް އެ އޮފީހުން ނެރުނު ބަޔާނުގައެވެ،