ads
ރިޒާވުގައި ފައިސާ ނެތުން؛ ޅެމަކުން ހައްލެއް ނުވާނެ: ސައްލެ
ރާއްޖޭގެ ރިޒާވު މިއަދު "ހުލިވަމުން" ދާކަމަށާއި، އެމައްސަލައަކީ ޅެމަކުން ރައިވަރަކުން ހައްލު ހޯދެން އޮތް ކަމެއް ނޫން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް(ސައްލެ) ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ ނައިބު ރައީސް ގެ މަގާމުގައި ވެސް ހުންނެވި ސަލީމް ވިދާޅުވީ، މި ސަރުކާރުގައި މާ ވަޒީރުން ގިނަ ކަމަށެވެ. އަދި، ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވުރެ މާ މަތިބަރު ކަމަށާއި ރާއްޖޭގެ ރިޒާވް ރަތް ރޮނގު ހުރަސްކޮށްފައި ވާކަމަށެވެ. 

ސަލީމް ވިދާޅުވީ ރިޒާވްގައި ހުންނަންޖެހޭ ވަރަށް ޑޮލަރު ނެތްކަމަށާއި ރިޒާވް ހުލިވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކޮށްގެންނަމަވެސް، ދައުލަތުގެ އެކި މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކަކީ ގާބިލުބައެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. 

"[މަޖިލީހުގެ ރުހުން ދިނުން] ބިނާވަނީ ގާނޫނު އަސާސީގައި އޮންނަ ފަސް ޝަރުތައް ކަމަށް ވާނަމަ، އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް މި މައްސަލަ ހުށަހަޅަން ޖެހޭނެ ކަމަކަށް ވެސް. ޝަރުތުތައް ފުރިހަމަ ވޭތޯ ހަމައެކަނި ބަލައިލުން އެއީ މި މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށް ވަނީނަމަ އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުން މި ކުރަނީ ވަރަށް ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ބައެއް ވަޒީރުންނަށް މަގާމު ދީފައި ވަނީ "ހަދިޔާއެއް" ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއް މަސައްކަތެއް ކުރާ ދެ މިނިސްޓްރީ އުފައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވަނީ މިހާތަނަށް އައްޔަނު ކޮށްފައިވާ ސިޔާސީ މަގާމުތަކަށް ވެސް އަލިއަޅުއްވާލާފަ އެވެ. އެގޮތުން، ވަޒީރު ފެންވަރުގެ 45 މަގާމާއި، 91 ސްޓޭޓް މިނިސްޓަރުންނާއި 163 ނައިބް މިނިސްޓަރު ސަރުކާރުގައި އެބަ ތިއްބެވިކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ހިނގަމުންދާ މުހިންމު ޕްރޮޖެކްޓްތައް ހުއްޓިފައިވާއިރު، ދައުލަތުގެ ބަޖެޓުން ސިޔާސީ ކަންކަމަށް 13 މިލިއަން ރުފިޔާ މަހަކު ހަރަދު ކުރާ ކަމަށް ވިދާޅުވި އެވެ.

"މި ދެންނެވި މައްސަލައަކީ ޅެމަކުން ރައިވަރަކުން ހައްލު ހޯދޭން އޮތް ކަމެއް ނޫން،" ޅެމުން ނަފުސާނީ ފަރުވާ ދޭނެ ކަމަށް ސަގާފަތާ ބެހޭ ވަޒީރު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ސަލީމް މިއަދު ވިދާޅުވި އެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ނުދިނުމުގެ ވިސްނުމެއްގައި އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކިއިރު މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަން އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

ޑިމޮކްރެޓްސްްއާ އެކު އިދިކޮޅު ޕާޓީއެއްގެ މަސައްކަތް ކުރަމުން އަންނަ އެމްޑީޕީން މިހާތަނަށް އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ. އެ ޕާޓީން ގޮތް ނިންމުމަށް މިހާރު ބައްދަލުވުމެއް ކުރިއަށް ދެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު އެޖެންޑާކޮށްފައި އޮތީ މިއަދު މެންދުރު ފަހު 1:30 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް