ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްގީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. މިރަންވޭ ތަރައްގީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފަ އެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރާނެކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައި ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫއަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިރަންވޭއަށް ޖެއްސޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެ އެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ މަސައްކަތުގެ އިތުރަށް ފަސިންޖަރ ޓާރމިނަލް ޢިމާރާތާއި ޖެޓީ ޓަރމިނަލް އިމާރާތުގެ މަސައްކަތުގެ %29.1 ވަނީ ނިމިފަ އެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފަ އެވެ.
އާ ރަންވޭގެ 1،200 މީޓަރު މިއަދު ބޭނުން ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން އަހުމަދު މުބީން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ.
އޭނަ ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު މަސައްކަތުގެ ސްޕީޑް ހުރި ގޮތަށް ބަލާ އިރު މާޗްގެ ނިޔަލަށް މުޅި ރަންވޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މުބީން ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލާމް ވަނީ ހަނިމާދޫ އެއަރޕޯޓުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއްވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އައު ރަންވޭގެ އެއްބައި ބޭނުން ކުރަންފެށުމާއެކު ލަސްތަކެއްނުވެ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށާއި އިންޑިއާގެ އިތުރު ސިޓީތަކަށްވެސް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.