ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުމަކަށް އައިސް އަމިއްލަ ވިޔަފާރިތަކަށް މިވަނީ ބޮޑެތި ގެންލުންތަކާ ކުރިމަތިވެފަ އެވެ. ދިވެހި ސަރުކާރުން ވަނީ މިފަދަ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްތައް ކުރާ ފަރާތްތަކަށް މި ދަނޑިވަޅުގައި އެހީތެރިވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފަ އެވެ.
ސަރުކާރުން މިވަނީ، ވިޔަފާރިތަކާ އަދި އެނޫންވެސް ފަރާތްތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފަ އެވެ. މިގޮތަށް ފަސްކުރެވުނު ލޯނުތަކުގެ ތެރޭގައި އިމާރަތް ކުރުމަށް ނަގާފައިވާ ލޯނުތައްވެސް ހިމެނެ އެވެ.
މިދަނޑިވަޅުގައި ގިނަ ފަރާތްތަކެއްގެ މުސާރަ ކުޑަވެ ކުލި ދެއްކޭނެ ގޮތަކާއި މެދު ހާސްކަން މަތީ ތިއްބައި އަނެއްކާ ވެސް ލުއި މި ލިބުނީ ހަމަ އިމާރާތްތަކުގެ ވެރިން ނުވަތަ އިމާރާތްތައް ދިގުމުއްދަތަށް ކުއްޔަށް ނަގައިގެން ރިއަލްއެސްޓޭޓް ވިޔަފާރި ކުރާ ވިޔަފާރިވެރިޔާ އަށެވެ. ކުލި ދައްކާ ފަރާތްތަކަށް މީގެން އަދި އެއްވެސް ލުޔެއް ލިބިގެންދާނެކަމެއް ނޭނގެ އެވެ.
އާދައިގެ މަތިންވެސް އަތް ނުފޯރާ ފަށުގައި ހުރި ކުލިތައް އަދިވެސް ހަމަ އެފަދައިގަ އެވެ. މިހާރު ކުލި ދެއްކުމަށް އިތުރު ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ކުލި އެހާ ބޮޑީ ގެ އިމާރާތްކުރުމަށް ނަގާފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެ އެވެ. ތަފާތު ބަހަނާތައް ދައްކައިގެން ކުލި ބޮޑުކޮށް ކުއްޔަށް ދިނުމަކީ އާންމު ކަމެކެވެ. އެގޮތުގައި ދުވަސް ގުނަމުންދަނިކޮށް، މިހާރު މިއޮތީ މުޅި ދުނިޔެއަށް ކޮރޯނާ ވައިރަހުގެ ވަބާ ޖެހިފަ އެވެ. މި ވައިރަހާއެކު އިގުތިސާދުތައް ފުނޑިގެންދާތީ ސަރުކާރުތަކުން ދަނީ އާންމު ހާލަތުގައި ގައުމު ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއިންވެސް ވަނީ ލުއި ދޭން ނިންމާފަ އެވެ.
ބީއެމްއެލުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދިނުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ވެސް ވަނީ އެ ތަނުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށް ދޭން ނިންމިކަން އަންގާފަ އެވެ.
ބީއެމްއެލް އިން ވަނީ އެ ބޭންކުން ނަގާފައިވާ ލޯނުތަކުގެ އިންޓެރެސްޓް ރޭޓް އަދި ޕްރިންސިޕަލް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީ އެ މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް ހަ މަސް ދުވަސް އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ބީއެމްއެލުން ވަނީ ލޯނު ދެއްކުން ފަސްކުރާ ހަ މަހަށް ފަހު، ޖެހިގެން އަންނަ ހަ މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 އިންސައްތަ މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް ހަމަޖައްސާދީފަ އެވެ. އެޗްޑީއެފްސީން ވެސް ވަނީ ހަ މަސް ދުވަހަށް އިންޓެރެސްޓް އަދި އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދީފަ އެވެ.
އިމާރާތްތަކުގެ ވެރިންނަށް އެ ފާރާތްތަކުން ނަގާފައިވާ ލޯނުތަކަށް މިހާ ބޮޑު ލުޔެއް ލިބިގެންދާއިރު، މި ދަނޑިވަޅުގައި ވެސް ސަރުކާރަށް ކުލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މިދަނޑިވަޅުގައި މިކަމަށް ސަރުކާރުގެ ފަރާތުން ކޮންމެސް ކަހަލަ ލުޔަކަށް ރައްޔިތުން ދަނީ އެދެމުންނެވެ. އަދި އެކަމުގައި ކުރެވެން ހުރި ކަންކަން ބަލާނެ ކަމަސް ރައީސް ވިދާޅުވި އެވެ.
މުޅި ގައުުމުގެ އިގުތިސާދު ދަށްވެ ވަޒީފާ އަދާކުރާ މީހާއަށް ލިބޭ މުސާރަ އާއި އިނާޔަތް ކުޑަކުރަމުންދާ ދުވަސްވަރެއްގައި އެ މީހުން ދިރިއުޅޭ ތަނުގެ ކުލި ނުދެއްކޭ ހިސާބަށް ކަންކަން ދިއުމުން އެކަމަށް އެހީތެރިވުމަކީ ސަރުކާރުގެ އިތުރުން މުޅި މުޖުތަމައުގެ ވެސް ޒިންމާއެކެވެ. ބޭންކުތަކުން ލޯނު ނަގައިގެން ހަދާފައިވާ އިމާރާތްތަކުގެ ވެރިންނަށް ބޭންކުތަކުން ލުއި ދޭއިރު އެ ދޭ ލުއެއް ކުއްޔަށް އުޅޭ މީހާއަށް ލިބެންޖެހޭނެ އެވެ.
ކަންމިހެން އޮތް އިރު، ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަނީ ސަރުކާރުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ހަ މަސް ދުވަހަށް ލުޔެއް ދޭނަމަ އެއާ އެކަށީގެންވާ ލުޔެއް ކުއްޔަށް އުޅޭ މީހުންނަށް ވެސް ލިބެންޖެހޭނެ ކަން ވިދާޅުވެފަ އެވެ. އެންމެ ކުޑަ ވެގެން ކުލިން 30 އިންސައްތައިގެ ލުޔެއް ލިބެން ޖެހޭނެ ކަމަށް އީސަ ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުލި ކުޑަ ކުރުމަށް އޮތް ހައްލަކީ ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަކަށް ލުޔެއް ލިބުން ކަމަށް ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހަށް ލޯނުތަކަށް ލުއި ދޭނޭކަމަށް ބުނެފަ އެވެ. ހަ މަސް ދުވަހަށް ބޭންކަށް ފައިސާ ދައްކަން ނުޖެހޭއިރު، ކުލިން ލުޔެއް ދިނުމުން އޭގެ މާބޮޑު ގެއްލުމެއް ގެތަކުގެ ވެރިންނަށް ލިބިގެންދާނެކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލޭގައި ދިރިއުޅެމުން ދާއިރު، ގިނަ މީހުންނަކީ ބޮޑު އަގުގައި ކުލި ދައްކައިގެން ދިރިއުޅޭ މީހުންނެވެ. މިއަދު ރާއްޖެއަށް ދިމާވެފައި މިއޮތް ހާލަތާއެކު، ބައެއް ފަރާތްތަކުން އެމީހުންގެ ގޭގައި ކުއްޔަށް އުޅޭ މީހުންގެ ކުލިތައް ލުއި ކޮށްދެމުން އަންނަ ނަމަވެސް، ކުއްޔަށް އުޅޭ ގިނަ މީހުންނަށް އަދިވެސް މި ލުއި ލިބިފައެއް ނުވެ އެވެ.
ޝޯޝަލް މީޑިއާގައި އެންމެ ގަދަޔަށް އޭރުވެސް މިހާރުވެސް ދެކެވޭ އެއް ވާހަކަ އަކީ ކުލީގެ ވާހަކަ އެވެ. މީހަރުވެސް ގިނަ ބަޔަކު ބުނަމުން ދަނީ މިދަނޑިވަޅުގައި ކުލި ދައްކާފައި އަތުގައި އިތުރު ހަރަދެއް ކުރާނެ ފައިސާއެއް ނޯންނާނެ ވާހަކަ އެވެ. އަދި މުސާރަތައް ބޮޑުތަނުން ދަށަށްކޮށްފައިވާތީ އެހާ ބޮޑު ކުއްޔެއް ދެއްކުމަކީ މިހާރު ކުރެވެން އޮޮތް ކަމެއް ނޫންކަމަށެވެ.
ކުލިތައް ކުޑަ ނުކުރާނަމަ ކުރިއަށް އޮތް ހަ މަސް ދުވަހު ގިނަ ބަޔަކު އުޅެންޖެހޭނީ މިހާރު އުޅޭ ހާލަށް ވުރެ ވެސް ދަތި ހާލެއްގައި ކަން އާންމު ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.
ސަރުކާރަށް ކުލި ކޮންޓްރޯލު ނުކުރެވުނަސް، މިދަނޑިވަޅުގައި ކުލި ދައްކާ ފަރާތްތަކަށް ވެސް ދިމާވާނެ ގޮންޖެހުންތަކާ މެދު ވިސްނާ، ސަރުކާރަށް ވެސް ކުރެވިދާނެ ކަމެއް އެބަ އޮތެވެ. ބޭންކުތަކުން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމަށް ސަރުކާރުން ގޮވާލުމާ ގުޅިގެން ސަރުކާރުގެ ހިއްސާ އޮތް ބީއެމްއެލުން ވަނީ އެ ގޮވާލުމަށް އިޖާބަދީފަ އެވެ.
ބީއެމްއެލުން އިޖާބަދިން އިރު ލޯނުތަކަށް ލުއި ދޭނެ އުސޫލެއް އަދި އާންމު ނުކުރެ އެވެ. އެހެން ކަމުން ލުއި ދޭނެ އުސޫލު އާންމު ކުރާއިރު އެ އުސޫލު މެދުވެރިކޮށް ލޯނު ނަގައިގެން ހަދާފައިވާ ގޭގޭގައި ކުއްޔަށް އުޅޭ މީހުންނަށް ލޯނު ނެގި މީހާ އަށް ބޭންކުން ދޭ ލުއި ދޭން ޝަރުތުކުރެވިދާނެ އެވެ. މި ޝަރުތު ހިމަނައިފިނަމަ އިނދަޖެހިފައި ތިބި އާއިލާތަކަށް ވެސް ކުލި ދެއްކުމުގައި ލުއެއް ލިބޭނެ އެވެ. ލޯނު ނަގާ މީހާއަށް ލިބޭ ލުއި، ގޭގައި ކުއްޔަށް އުޅޭ މީހާއަށް ނުދޭންވި ސަބަބެއް އޮތް ކަމަކަން ނުފެނެ އެވެ.
މާލޭ ބިމުގެ ވެރިންނާއި ބިންތައް ދިގުމުއްދަތަށް ކުއްޔަށް ހިފައިގެން ހަދާފައިވާ މީހުންގެ ބަހަނާތައް ހުރި ނަމަވެސް މިއީ އިންސާނިއްޔަތުކަން އިސްކުރަން ޖެހޭ ވަގުތެވެ. އެހެންކަމުން ލޯނު ނެގި މީހާއަށް ބޭންކުން ދޭ ހުރިހާ ލުއެއް ކުއްޔަށް އުޅޭ މީހާ އަށް ނުދޭންވީ ކީއްވެތޯ އެވެ. ލޯނު ނެގި މީހާއަށް ލުއި ދިނުމަށް ބޭންކްތަކުން ހަދާ އެއްބަސްވުންތަކާ އެއްވަރުގެ އެއްބަސްވުންތަކެއް ކުއްޔަށް އުޅޭ މީހުންނާ ދެމެދު ހެދިދާނެ އެވެ. ރައްކާތެރިކަން ހޯދުމަށް މިހާލަތުގައި ކުރެވޭނެ ކަންކަން ކުއްޔަށް އުޅޭ މީހުންގެ ފަރާތުންވެސް ހޯދިދާނެ އެވެ.
ކުއްޔަށް އުޅޭ މީހާ އުފުލަން ޖެހޭ ގާނޫނީ ޒިންމާ އުފުލުމަށް އޭނާއަށް ޝަރުތުކޮށްފައި ނަމަވެސް މިއީ ލޯނު ނެގި މީހާ އަށް ލިބޭ ލުއި ކުއްޔަށް އުޅޭ މީހާއަށް ދޭން ޖެހޭނެ ވަގުތެކެވެ. މި މަގަށް އިންތިޒާމުތައް ހަމަޖެއްސުމަކީ އޯގާތެރި ސަރުކާރުތަކުގެ އެންމެ އަސާސީ ސިޔާސަތުތަކަށް ވާން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ކުލި ދައްކައިގެން އުޅޭ ނިކަމެތި މީހާ ނިކަމެތިވުން ނޫން ގޮތެއް ނޯންނާނެ އެވެ.