މާލޭގެ އެކި ސަރަހައްދުތަކުން ޕާކިން ޖާގަ ކުއްޔަށް ދިނުމަށް ހުޅުވާލީ ރައީސް ޑރ. މުއިއްޒުގެ މޭޔަރުކަމުގައި 2022 ވަނަ އަހަރުއެވެ. އޭރު ޕާކިން ކުއްޔަށް ދޭން ނިންމީ މަހު ފީ ދައްކާ ގޮތަށް، ގިނަވެގެން އެެއް އަހަރު ދުވަހަށް ދޫކުރާ ގޮތަށެވެ. އަދި އެ ޖާގަތަކަށް ކޮންމެމީހަކަށް މާލޭގެ ތަފާތު ތިން ސަރަހައްދަކަށް އެދެވޭނެއެވެ.
މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުމެއް ވާނަމަ އެކަމެއް ހިއްސާ ކުރުމުގެ ފުރުޞަތު ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުވާލާފައެވެ.
ޝަކުވާ ހުށަހަޅަން ހުޅުވާލީ
- ޕާކިން ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތައް
- ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތައް
- ޕާކިން ސްލޮޓްތަކާ ގުޅޭ އިތުރު ޝަކުވާތައް
ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ 5ވަނަ ދުވަހާއި ހަމައަށް ޝަކުވާތައް ބަލައިގަންނަމުން ގެންދާނެކަމަށެވެ. އަދި ޝަކުވާ ހުށައަޅާނީ އެ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް https://complaints.malecity.gov.mv މެދުވެރިކޮށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެއިން ޕާކިން ސްލޮޓްތައް ވިއްކާފައިވަނީ ތަފާތު ތިން އަގަކަށެވެ. ޓެކްސީތަކުން ދައްކަން ޖެހެނީ މަހަކު 650 ރުފިޔާ އެވެ. ޕްރައިވެޓް ކާރަކުން ޕާކިން ފީގެ ގޮތުގައި ނަގަނީ 1500 ރުފިޔާއެވެ. ކުންފުނީގެ ވެހިކަލްތަކުން ޕާކިން ފީގެ ގޮތުގައި މަހަކު 3000 ރުފިޔާ ދައްކަންޖެހެއެވެ.