މިކަން ހާމަކުރަަމުން އެލަން މަސްކް ބުނީ އެ މީހާގެ ސިއްހީ ހާލު ރަނގަޅު ކަމަށާއި ތަހްލީލުތައް ކާމިޔާބު ކަމުގައެވެ. އޭނާ ބުނީ އެ މީހާގެ ސިކުނޑީގެ ތެރޭގައި ނިއުރޯން ސްޕައިކް އިތުރުވެ ނިއުރޯންތަކުގެ މެދުގައި މުވާސަލާތު ކުރުން އިތުރުވެފައިވާ ކަމަށް މިހާތަނަށް ހަދާފައިވާ ތަހްލީލުތަކުން ހާމަވެފައިވާ ކަމުގައެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ސްޕައިކަކީ ސިކުނޑީގައިވާ ނިއުރޯންތައް ނުވަތަ ސެލްތަކުގެ މެދުގައި އަދި އެ ސެލްތަކާއި ހަށިގަނޑުގެ އެހެން ގުނަވަންތަކާ ދެމެދު މުވާސަލާތު ކުރުމަށް ފޮނުވާ އިލެކްޓްރިކް އަދި ކެމިކަލް ސިގްނަލްތަކެއްކަަމުގަ އެވެ.
ނިއުރަލިންކް ކުންފުނިން އުފައްދާފައިވާ ސިކުނޑީގެ ޗިޕް އިންސާނުންގެ ސިކުނޑީގައި ހަރު ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އެފްޑީއޭއިން އެ ކުންފުންޏަށް ހުއްދަ ދިނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައިއެވެ. މި ޗިޕް އިން ހަށިގަނޑުން ވާގިނެތިފައިވާ މީހުން ރަނގަޅު ކުރެވޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ނިއުރޮލޮޖިކަލް އެހެން ބަލިތަކަށް ވެސް ބްރެއިން-ޗިޕް ބޭނުން ކޮށްގެން ފަރުވާ ކުރެވިދާނެ ކަމަށް ނިއުރަލިންކް ކުންފުނިން ދެކެއެވެ.
ތަހްލީލުތައް ކުރުމުގައި ބައިވެރިވި މީހާގެ ސިކުނޑީގައި ބްރެއިން-ކޮމްޕިޔުޓަރ އިންޓަރފޭސް (ބީސީއައި)އެއް ހަރުކޮށްފައި ވަނީ ރޮބޮޓްތަކެއް ބޭނުން ކޮށްގެންކަމަށާއި ބީސީއައި ހަރުކޮށްފައި ވަނީ ސިކުނޑީގެ ހެލިފެލިވެ އުޅުމުގެ ޙަރަކާތްތައް ކޮންޓްރޯލް ކުރާ ބައިގާކަމަށް އެ ކުންފުނިން ބުނެއެވެ. ނިއުރަލިންކުން ކުރިން ބުނެފައި ވަނީ، އެ މަޝްރޫޢުގެ ބޭނުމަކީ އިންސާނުންގެ ސިކުނޑިއާއި ވިސްނުން ބޭނުން ކޮށްގެން ކޮމްޕިޔުޓަރުގެ ކާސާ އަދި ކީބޯޑުގެ ފިއްތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ހޯދައިދިނުން ކަމުގައެވެ.
ނިއުރަލިންކުން އުފައްދާފައިވާ ފުރަތަމަ ބްރެއިން-ޗިޕަށް ދީފައިވާ ނަމަކީ ޓެލެޕަތީ ކަމުގައި މަސްކް ބުންޏެވެ. މިހާރު ކުރަމުންދާ ތަހްލީލުތަކުގެ މައިގަނޑު މަގްސަދަކީ އިންސާނުންގެ ހަށިގަނޑުގައި ބޭނުން ކުރަން ރައްކާތެރި އާލާތެއްތޯ ކަށަވަރު ކުރުމެވެ. ނަމަވެސް އެ ކުންފުނީގެ ސަލާމަތީ ސިޔާސަތުތަކަށް މިހާރު ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ބްރެއިން-ޗިޕް ޓެސްޓުތައް ހަދާފައި ވަނީ ރާމާމަކުނުތަކެއް ބޭނުން ކޮށްގެންނެވެ. އެ ޓެސްޓުތަކުގައި ބައެއް ރާމާމަކުނުގެ ވާގިނެތި ސިކުނޑި ދުޅަވުން ފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމުގެ ތުހުމަތުތައް ފެންމަތިވިއެވެ. އަދި އެމެރިކާގެ ސެކިޔުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އެ ތުހުމަތުތަކަށް ރައްދު ދެމުން މަސްކް ބުނީ ޓެސްޓުތައް ހެދުމުގެ ތެރޭގައި އެއްވެސް ރާމާމަކުނެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމުގައެވެ