ގައުމީ އެއާލައިން މެދުވެރިކޮށް ރާއްޖެއިން ބޭރަށް ސީދާ ދަތުރުތައް ބޭއްވުމަށް ސަރުކާރުން ނިންމާ އެކަމަށް ބޭނުން ބޯޓްތައް ހޯދުމަށް މިދިޔަ މަހުގެ 31 ގައި ވަނީ އިއުލާންކޮށްފައެވެ. މޯލްޑިވިއަން އިއުލާންކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް ހޯދާށެވެ. މީ 275 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ބޮޑި ބޯޓްގެ އޮޕަރޭޝަންސް ފެށުމަށް ކުރަންޖެހޭ ދިރާސާތައްކޮށް ތަފްސީލު ބިޒްނަސް ޕްލޭން ވެސް ސަރުކާރން ނިންމާފައިވާ ކަމަށެވެ އަދި އަންނަ ސެޕްޓްމްބަރު ނުވަތަ އޮކްޓުބަރު ކުރީކޮޅު ދަތުރުތައް ފަށާނެކަމަށެވެ.
އަމީން ވިދާޅުވީ ބޯޓް ގެންނަން ވާއިރަށް ދަތުރުކުރާނެ ބޭރުގެ މަންޒިލްތައް ކަނޑައެޅުމަށް މޯލްޑިވިއަން ޓީމެއް މަސައްކަތް ކުރަމުދާކަމަށެވެ. އައު ބޯޓްގެ މަންޒިލްތަކުގެތެރޭގައި ޗައިނާއާ ޔޫރަޕް ހިމެނޭކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ގައުމީ އެއާލައިންގެ ފްލީޓްގައި މިހާރު އޮތީ 14 ބޯޓެވެ. އޭގެތެރޭގައި އެއާބަސް 320ގެ ފްލައިޓްވެސް ހިމެނެއެވެ.