ads
މައްޗަންގޮޅި އުތުރު ދާއިރާއަށް އަމްރު ވާދަ ކުރައްވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ނިންމަވައިފި އެވެ.

އަމްރު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މަޖިލިހަށް ކުރިމަތިލާން ނިންމެވީ، ދާއިރާގެ ހައްގުގައި ވަކާލަތު ކުރުމަށާއި، ގައުމީ މައްސަލަ ތަކަށް ހައްލު ހޯދުމުގެ މަސައްކަތަށް ކަމަށެވެ.

"މަޖިލިހަށް ކުރިމަތިލާން އަޅުގަނޑު ނިންމީ ދާއިރާގެ ހައްގުގަ ވަކާލާތު ކުރުމަށާ ގައުމީ އެތައް މައްސަލަތަކަކަށް ހައްލު ހޯދުމަށްވެސް މަސައްކަތް ކުރުމަށް އޮތް އެންމެ ފަހިމަގަކީ މަޖިލިސް ކަމަށްވާތީ" އަމްރު ވިދާޅުވި އެވެ.

ކުރިީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަމްރު އެ މަގާމުން ވަކި ކޮށްފައިވަނީ، އެމްޑީޕީ ދެފަޅިވެ އުފެދުނު ދަ ޑިމޮކްރަޓްސްއާ އޭނާ ގުޅުނު ފަހުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވާ ތާރީހު ރޯދަ މަހާ ދިމާވާތީ އިންތިހާބު ފަސް ކުރުމަށްޓަކައި، އެއްވެސް އިންތިހާބެއް ރޯދަމަހުގައި ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އާދީއްތަ ދުވަހު ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. 

އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބުތަކާ ގުޅޭގޮތުން ކޮމިޝަނުން އަމަލު ކުރާނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށާއި، ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ތައްޔާރު ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް