ރައީސް މިހެން ވިދާޅުވީ، ރައީސްގެ ޖަވާބުގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އަބްދުﷲ އިބްރާހިމް މަނިކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުވެސް ލޯކަލް މާރުކޭޓުވެސް އެއީ އެންމެ އެކަށީގެންވާ ހާލަތެއްގައި ހުރިތަންތަން ނޫންކަމަށާއި ސަރުކާރުން މިހާރު ވަނީ މި މާރުކޭޓުތައް އިތުރަށް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލްއަށް ހުރިހާ މަގުތަކެއް ފަހިކޮށްދީފައިކަމު ގައެވެ.
އެ ގޮތުން މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި އެންމެ ޒަމާނީ އަދި ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި މާރުކޭޓު ހުންނަ ފެންވަރުގެ މާރުކޭޓެއް އަޅަން ނިންމިފައިވާ ކަމަށާއި އެ ބިލްޑިން އަޅާ ނިމުމުން އެ ތަނަށް މަސްމާރުކޭޓު އަދި ލޯކަލް މާރުކޭޓުވެސް ބަދަލުކުރެވިގެންދާނެކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މި އިމާރާތުވެގެން ދާނީ ހަތަރު ބުރީގެ އިމާރާތަކަށް ކަމަށާއި މި އިމާރާތުގެ އެންމެ ތިރީގައި ޕާކިން އެއް އަޅަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި މަރުކޭޓުގެ މަސައްކަތް މި އަހަރުގެ ރޯދަމަހަށް ފަހު ފެށިގެންދާނޭކަމަށާއި މި މާރުކޭޓުގެ އިމާރާތާއި ބެހޭ ގޮތުން ނިންމަންޖެހޭ ގިނަ ކަންތައް މިހާރު ނިންމާލެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިންނައް ދޫކޮށްފައި ހުރި ގޮޅިތަކުގައި ބޭރު މީހުން ވިޔަފާރި ކުރުމުގެ މައްސަލަ އަކީ ވަރަށް ބޮޑުވެފައި އޮތްކަމެއް ކަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މި މައްސަލަ އަށް ހޯދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މިކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމުގައެވެ. މީގެ އިތުރުން އާ މާރުކޭޓު އަޅާ ނިމި އެތަނަށް ބަދަލުވުމުން އެކަން އެކޮށް ހުއްޓިގެން ދާނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައި އެވެ
މާލޭގެ މާރުކޭޓުތަކުގެ ގޮޅިތަކުގައި ބިދޭސީން ވިިޔަފާރި ކުރުމަކީ އާންމު ކަމެކެވެ. ބައެއް ގޮޅިތައް ބިދޭސީން ހިންގަނީ، ދިވެހިންގެ އަތުން ކުއްޔަށް ނަގައިގެންނެވެ.