މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއެއްގައި އިދިކޮޅުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ނިންމާފައިވާ އޮތް އޮތުން ބަދަލުކޮށް މަޖިލީހުގެ ގަދަރު ކުޑަ ކުރުމުގެ ގޮތުން އެ ދުވަސް ބަންދު ނޫން ދުވަހަކަށް ހަދާފައި ވުމުގެ ސަބަބުން އެ ޖަލްސާ ބޮއިކޮޓު ކުރާކަމަށެވެ.
އިދިކޮޅުން ފޮނުވި ސިޓީގައި ވާ ގޮތުން ވަޒީރުންނައް ރުހުން ދިނުން އޮތް ދުވަހު އެ ޖަލްސާ އަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް މަޖިލީސް ކުރާ ގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެެހުން އުފައްދާވާކަމަށާއި މީގެ އިތުރުން މަޖިލީސް ކުރާ ގޭގެ ތެރެޔަށް ފުޅިއާއި ގާ އުކާފައި ވާކަމުގައެވެ.
މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާކަމަށާއި މެމްބަރުންނައް ހަމަލާދީ މާރާމާރީ ހިންގަމުން ދިޔައިރުވެސް އެކަން ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން އެކަން ހުއްޓުވުމަށޑް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނެފައިވާ ގޮތުގައި ސަރުކާރުން މަޖިލީހުގެ އިހްތިޔާޒުތަކަށް އަރައިގަނެ މަޖިލީހުގެ ބާރު ކަނޑުވާލަން މަސައްކަތް ކޮށްފައި ވާކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންވެ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމަށް ޓަކައި ޖަލްސާ ބޮއިކޮޓް ކުރީ ކަމަށް އިދިކޮޅުން ބުނެއެވެ.
ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށް މަޖިލީހަށް މިއަދު ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެމްޑީޕީގެ ނިންމުމާ ދެކޮޅަށް ޖަމްޝީދާއި ޖާބިރު ބައިވެރިވެވަޑައިގަތުމުން އެ މެންބަރުންނާ މެދު އަމަލު ކުރާނެ ގޮތެއް އެމްޑީޕީ ޕީޖީން އަދި ނުބުނެ އެވެ.