ads
ރަސްގެފާނު ޗާލްސް އަށް އަވަސް ޝިފާއަކަށް ރައީސް އެދިވަޑައިގެންފި
އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނަ އަށް ކެންސަރު ޖެހިފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.

ބަކިންހަމް ޕެލެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕްރޮސްޓޭޓް އާލާސްކަންފުޅަށް ޗާލްސް ހޮސްޕިޓަލުގައި ދާދި ފަހުން އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން ކެންސަރަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި ކެންސަރަށް މިހާރު ފަރުވާ ހޯއްދަވަން ފައްޓަވާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިވަޑައިގެންނެވި ހަބަރު އެއްސެވީ ހިތާމަޔާއެކު ކަމަށާއި ދިވެހިންގެ ނަމުގައި ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާ ޗާލްސް ފަރުވާ ހޯއްދަވަމުންދާ ކެންސަރުގެ ވައްތަރެއް ބަކިންހަމް ޕެލެސް އިން ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުންދާ ޕްރޮސްޓޭޓް ބަލީގެ ކެންސަރު ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗާލްސް އާލާސްކަންފުޅާ އުޅުއްވިޔަސް ރަސްގެފާނުގެ ދައުރު އަދާކުރައްވާނެ ކަމަށާއި، މިގޮތުން ރަސްމީކޮށް ކުރައްވަން ޖެހޭ ބައެއް ކަންކަން ކުރައްވާނެ ކަމަށް ބަކިންހަމް ޕެލެސްއިން ވަނީ ބުނެފަ އެވެ.

ޗާލްސް ،75، އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އެ މަހުގެ 8 ގައި އަވަހާރަވުމާ ގުޅިގެންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް