ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުރުންޏަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުސިލް އާ ގުޅިގެން ގަވައިދާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅާއިގެން ޓުއަރިޒަމް ނުވަތަ އިގްތިސާދީ އެހެނިހެން މަސައްކަތް ކުރުމުގެ ފުރުސަތު އެ ރަށުން ލިބިގެންދާނެ ކަމަށެވެ.
"ކައުންސިލް އިހްތިސާސްތެރޭގައި ހިމެނޭ އަދި ނުހިމެނޭ ރަށްތައް ލިބޭ ގަވާއިދުގެ ދަށުން މިރަށު ކައިރީގައި ހުރި ރަށް ވެސް ކައުންސިލަށް ލިބޭނެ. ޕްރޮޕޯޝަލް ހުށަހަޅުއްވާ،" ރައީސް ވިދާޅުވި އެވެ.
ބުރުނީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫކަންކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެކަމަށާއި ރަށް ގިރުމުގެ މައްސަލަގެ ސަބަބުން ރަށް އަދި އާންމު ދިރިއުޅުމަށް ގެއްލުން ވުމުގެ އިތުރުން ލޯކަލް ޓޫރިޒަމް ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، އެރަށަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ރަށްގިރުމުގެ މައްސަލަކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެޅިފައިވާކަމުގައި ވިދާޅުވިއެވެ. އަދި، މިހާރު ހުއްޓިފައި އޮތް މަޝްރޫޢު އަވަހަށް ފަށައި އަވަހަށް ނިންމުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވައި، ރައްޔިތުން އެދޭގޮތަށް އެމަސައްކަތް ނިންމަވައިދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެރަށުގެ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަކީވެސް ނިމިދިޔަ ސަރުކާރުގައި ސޮއިކުރެވި އެއްވެސް އަމަލީ މަސައްކަތެއް ނުފަށައި އޮތް މަޝްރޫޢެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެ މަޝްރޫޢުވެސް ރައްޔިތުން އެދިލައްވާގޮތަށް، ރައްޔިތުންނަށް އެންމެ މުހިންމު މިފަދަ މަޝްރޫޢުތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.
މީގެ އިތުރުންވެސް ކައުންސިލްތަކަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ދަށުން ރަށްރަށް ހޯދައި، މާލީ ބާރުވެރިކަން ހޯދުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ބުރުންޏަށްވެސް ވަރަށް ބޮޑު އިޤްތިސާދީ ފުރުސަތުތައް ހޯދުމުގެ މަގުފަހިވެފައިވާ ކަމަށާއި، އެކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް އެންމެ އިސްކަންދޭ ތަރުތީބުން އަލުން ތަރުތީބު ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުންވެސް ކުޑަކުދިންގެ ޕާކްތަކާއި ކަސްރަތުކުރާ ތަންތަން ހެދުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ސިޔާސަތުގެ ދަށުން ބުރުނީގައިވެސް އެމަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސް ވިދާޅުވި އެވެ.