ads
ރާއްޖެ އިން އަޅާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފްއިން މަރުހަބާ ކިޔައިފި
ރާއްޖޭގެ މާލީ ހާލަތު އިސްލާހު ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މަރުހަބާ ކިޔައިފިއެވެ.

އައިއެމްއެފުން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑު 19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގުތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އައިސްފައި މި ފަހުން މަޑުޖެހިފައިވާ ކަމަށެވެ.

މި އަހަރު 5.2 އިންސައްތަ ކުރިއަރާނެ ކަމަށް ލަފައި ކުރެވޭއިރު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވެސް އިތުރުވާނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.

އެހެންނަމަ ވެސް އެތެރެއާއި ބޭރުގެ ދަރަނި އިތުރުވެފައި ވުމުން އެކަމަށް ހައްލެއް ގެންނަން ސިޔާސަތުތަކަށް ބަދަލު ގެނަން ޖެހިފައިވާކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ވެއެވެ. 

މި ވިސްނުމުގެ ތެރެއިން ކަމާ ބެހޭ ފަރާތްތަކުން މުހިއްމު އަމާޒެއް އޮތް އަމިއްލަ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެކުލަވައިލައި، ވީހާ ވެސް އަވަހަށް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމުން އަންނަ ކަމަށާއި އެ ކަމަށް މަރުހަބާ ކިޔާކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މިގޮތުން، އާސަންދަ ސްކީމް، އޭގެ އެންމެ ހައްގުވެރިންނަށް އިސްކަންދޭ އުސޫލަށް ބަދަލުކޮށް، ސަބްސިޑީ ދޭ އުސޫލު ވެސް ހައްގުވެރިންނަށް އިސްކަންދޭ އުސޫލަކަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު މި ރިޕޯޓުގައި އައިއެމްއެފް އިން ފާހަގަ ކޮށްފައިވެއެވެ.

"ކޮވިޑު 19އާ އެކު ކުރިމަތިވީ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ފައިސާ ޗާޕުކުރަމުން އައި އައުން ހުއްޓައިލަން މި ސަރުކާރުން ނިންމި ނިންމުމަކީ ވެސް ވަރަށް މުހިންމު ނިންމުމެއް،" -އައިއެމްއެފް-

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އެހީތެރިވުމަށް މުއައްސަސާތައް ހަރުދަނާކުރުމަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އިތުރު މާލީ އެހީތެރިކަން ލިބި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

ރާއްޖޭހެ ވިޔަފާރީގެ މާހައުލު ރަނގަޅުކޮށް، ވެރިކަން ހަރުދަނާކޮށް، ހުނަރު ކުރިއެރުން އިތުރުކުރުމަކީ ވެސް ހަރުދަނާ، ޝާމިލު، އަދި ދެމެހެއްޓެނިވި ކުރިއެރުމަކަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ފާހަގަކޮށް އެ ރިޕޯޓުގައި ރިކޮމަންޑޭޝަނެއް ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް