ރައީސް ޑރ. މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ގާދިއްފުށީގައި ބޭއްވި ޖަލްސަގައި އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަރަށް ގިނަ މަޝްރޫއުތައް ކުއްލި ގޮތަކަށް ހަވާލު ކޮށްފައި އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުތައް ހަވާލު ކޮށްފައިވަނީ މަސައްކަތް ކުރާނެ ބަޖެޓު ވެސް ނެތި ކަމަށެވެ. އަދި އެއްވެސް ރޭވުންތެރި ކަމެއް ނެތި ކުއްލި ގޮތަކަށް މަޝްރޫއުތައް ހަވާލު ކޮށްފައި ހުރުމުން ކުންފުނިތައް ވެސް އެކަމަށް ތައްޔާރު ވެފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެ އުސޫލުން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހުރީ ކުރިއަށް ނުގޮސް ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެންް ހަވާލު ކޮށްފައިވާ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އެފަދަ ޒިންމާދާރުކަން ކުޑަ ގޮތަކަށް މަޝްރޫއުތައް ނުހިންގާނެ ކަމަށާއި، މަސައްކަތް ކުރައްވާނީ ތެދުވެރިކަމާއި އިހުލާސްތެރި ކަމާއެކުގައި ކަމަށެވެ.