ސަފީރު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ މި އިންވެސްޓްމެންޓް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ގާތްގަނޑަކަށް 200 އެއްހާ ބޭފުޅުން އެބަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ ތެރޭގައި ރައީސްގެ އިތުރުން މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދުބާއީގައި މި ފޯރަމް ބާއްވަން ނިންމީ ޔޫއޭއީ އަކީ ރާއްޖެއާ ވިޔަފާރީގެ އެކި އެކި ދާއިރާތަކުން ވަރަށް ގުޅުން ބޮޑު ގައުމެއް ކަމަށް ވާތީކަމަށެވެ.
އަނެއްކޮޅުން މިހާރު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ވަޒީފާގައި އުޅޭ ގައުމެއް މިއީ. ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދުބާއީއަށް ވަޑައިގަންނަވާނީ މިރޭކަމަށެވެ. އަދީ މިއީ ރާއްޖޭގެ ރައީސަކު ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރުކަންވެސް ސަފީރު މުހައްމަދު ހުސެއިން ޝަރީފު ފާހަގަކުރެއްވިއެވެ.
މި އިންވެސްޓްމެންޓް ފޯރަމްގައި ދުނިޔޭގެ ބައެއް ވިޔަފާރި ޖަމިއްޔާތަކާއި ބޭންކްތަކުންވެސް ބައިވެރިވާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ދިމާކޮށް ވެސް އިންވެސްޓްމަންޓް ފޯރަމެއް ޗައިނާގައި ބާއްވާފައިވެއެވެ. އެ ފޯރަމްގެ ނަތީޖާ ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ.