ads
ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން: ހައިދަރު
ޝަރުތު ހަމަނުވާ ފަރާތްތަކަށް ފްލެޓް ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ބޭއިންސާފެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
Advertisement

ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ބެހޭގޮތުން އޭސީސީން ބުނެފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އޭގެތެރެއިން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ކަމުގެ ސައްހަ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާ ފަރާތްތަކާއި، ކައުންސިލްތަކުން ދޮގު މައުލޫމާތު ދީފައިވާ މީހުން ވެސް ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓަށް ކުރިމަތިލާއިރު ދޮގު މައުލޫމާތު ދީފައިވާނަމަ، އެއްބަސްވުން ބާތިލުކުރެވޭނެކަން މައުލޫމާތު ހުށަހަޅާއިރު ވެސް އެންގެން އޮންނާނެ ކަމަށެވެ.

"ޝަރުތުހަމަނުވާ ކަމަށް ވަންޏާ ވެސް އެގްރީމެންޓު ބާތިލުވާނެ، ދޮގު މައުލޫމާތު ހުރި ކަމަށްވަންޏާ ވެސް އެ އެގްރީމެންޓު ބާތިލުވާނެ، އެ ހުރިހާ ކަމެއް އެ އޮތީ ލިޔެފައި ފޯމުގައި ސޮއިކުރާއިރު، އެގްރީމެންޓުގައި ވެސް ފޯމުގައި ވެސް މި އޮންނަނީ އެ ވާހަކަތައް ލިޔެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް އޭސީސީން މިނިސްޓްރީއަށް ހަވާލުކުރުމުން، ފެށޭ ހަފްތާގައި ފްލެޓް ހަވާލުކުރާނެ ކަމަށެވެ. އަދި ނުހައްގުން ފްލެޓް ލިބެން އުޅޭ ނަމަ އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ލިބެންވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންސާފުވެރިކަމާއެކީ މި މަސައްކަތް ކުރާ ކަމަށް ވަންޏާ ޝަރުތުހަމަނުވާކަން ކަނޑައެޅިގެން އެނގޭ ބަޔަކަށް ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ތިޔަ ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވޭނެ ކަމަށް ދެކެނީ." މިނިސްޓަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓް ތަކުގެ ލިސްޓާއި ގުޅޭގޮތުން އޭސީސީން ކުރަމުން ގެންދާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި، އެ ކޮމިޝަނުގެ ހޯދުންތައް ހައުސިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ތަހުގީގާ ގުޅޭ އިތުރު ތަފްސީލް ލިބުމުން އެ މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދައ،ި ފުލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް