މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގަ މިއަދު އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އޭގެ ތެރޭގައި ރާއްޖެއާއި ޔޫއޭއީ އާއި ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްގީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ރާއްޖެއާއި ޔޫއޭއީ އާއި ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް މުއިއްޒު އާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.