ads
ރިވެލި ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ތެރެއިން
ބޭރުގައި އުޅޭ ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭ ޕްރޮގްރާމް ފަށައިފި
ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހް ކޮށްފި އެވެ.

ޔޫއޭއީގެ ދުބާއީގައި ބޭއްވި "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، ދުބާއީގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރިވެލި ޕްރޮގްރާމް ފެށުމަށް ބޭއްވި މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމަކީ މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ކުރިން ވިދާޅުވެފައިވަނީ، އެކަން ހުއްޓިފައި އޮތީ ކުރީގެ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން ކަމަށެވެ. 

އެގޮތުން ސްރީލަންކާ އާއި މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް ހުއްޓިފައިވާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތްތާގައި އާ ހިތްވަރަކާއި އާ އުސޫލުތަކާއެކު ދިވެހި އަދި އިސްލާމް ކިޔަވައިދިނުމުގެ ހާއްސަ ޕްރޮގްރާމް އަލުން ފަށައިގެން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނަށް މި ޕްރޮގްރާމް ފަށާފައިވާއިރު، މެލޭޝިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާގައި ދިރިއުޅޭ ދިވެހިންނަށް ވެސް މި ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް