ads
ބައިނަލްއަގުވާމީ ޕީސް ކޭބަލް ކުޅުދުއްފުށި ލޭންޑިން ސައިޓާއި ގުޅާލައިފި
އުރީދޫ މޯލްޑިވްސްއިން ބައިނަލްއަޤްވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށް އެއްގަންކޮށް، އެސިޓީގައި ޤާއިމުކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާއި ގުޅާލައިފިއެވެ.

 ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަރނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

މި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާއިވެސް ރާއްޖެ ގުޅާލެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. މި ސަބްމެރިން ކޭބަލަށް އިންވެސްޓް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ނިންމާފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލާއެކު 5ޖީ ގެ ޤާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުޞަތު ހުޅުވި ހަޤީޤީ ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ އެ ސިޓީއަށާއި މުޅި ރާއްޖެއަށްވެސް ލިބުނު ކުރިއެރުމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަން ޔަގީން. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް