މިއަދު އައްޑޫސިޓީގެ ހުޅުދޫ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އައްޑޫގައި ފެށިގެންދާނޭ ކަމަށާއި އޭގެ މަންފާ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.
އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކަކީ އިހްލާސްތެރިކަމާއެކު ވެފައިވާ ވައުދުތަކެއް ކަމަށާއި އެކަމެއް ފުއްދަވަން ކުރެވެން ހުރި ހުރިހާކަމެއް ކުރައްވަމުންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުދޫ މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމަށާއި އެކަން ކުރަން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު ހިދުމަތްތައް ފުޅާކޮށް ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ދަތުރު ކުރަން ނުޖެހޭ ވަރަށް އެ ހޮސްޕިޓަލް ތަރައްގީ ކުރައްވާނޭކަމަށާއި އިތުރުން ވެސް ބިން ހިއްކުމާއި މަގު ހެދުމާއި އަދި އެނޫން ވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.