ads
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަސް ކުރުމަށް ސާޖިދާ ގޮވާލައްވައިފި
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަސް ކުރުމަށް ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ، އިފްތިތާހުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ މިއަދު އިފުތިތާހުކުރި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށެވެ. 

އަދި ހާއްސަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

 ލޯގޯގެ މަގުސަދާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ،  ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެން ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމަށެވެ.

ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީސީސީ އިން އިސްނައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ގައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.

 ވާހަކަފުޅު ނިންމަވާލައްވަމުން ފަސްޓްލޭޑީ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށްވެ އެ ގާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ.

 އަދި މިކަމުން ރައްޔިތުންގެ ފައިދާއަށާއި ގައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް