ads
ވެރިކަމަށް އަންނަނީ އޮޅުވާލައިގެން، ދެން ކުރާ ކަމަކީ މެންބަރުން ގަތުން: އާޒިމް
ރާއްޖޭގެ ވެރިކަމަށް އަންނަ ގިނަ ފަރާތްތަކަކީ މަކަރުހަދާ އޮޅުވާލައިގެން އަންނަ ފަރާތްތަކެއް ކަމުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލައްވާ ކޮންމެ ބޭފުޅަކަށް ވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް އޮއްވާ ވެރިކަމަށް އައުމުގެ ބޭނުމުގައި ކެމްޕެއިނުގައި ދޮގު ހަދާ އޮޅުވާލަމުން ދާ ކަމަށް އޭނާ ސިފަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ދޮގާއި މަކަަރު ހަދައިގެން ވެރިކަމަށް އަންނަ ފަރާތްތައް އަވަހަށް ވެރިކަމުން ބޭލޭނެ ނިޒާމެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަން ނުކޮށް ދޫކޮށްލައިފި ނަމަ، މުސްތަގުބަލުގައި ވެރިކަމަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުން ވެސް އެކަން ތަކުރާރު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން ކެރިގެން އެކަން ނުކޮށްފި ކަމަށް ވަނީ ނަމަ، ވެރިކަމަށް ކުރިމަތިލާ ކޮންމެ މީހަކުވެސް ކުރާނެ ކަމަކީ މި ރާއްޖެ ބަނގުރޫޓުވާ ކަހަލަ މޮޅެތި ވާހަކަ ދެއްކުން، ސަޅި ވާހަކަ ދެއްކުން، ތިމަންނަ މިވެނި ކަމެއް ކޮށްދޭނަމޭ، ތިމަންނަ އެވެނި ކަމެއް ކޮށްދޭނަމޭ، ކަނޑައެޅިގެން އެނގޭ ނެތްކަން އެކަން ކުރެވޭކަށް." އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ އެ ފަރާތްތަކުން ގައުމުގެ ވެރިކަމަށް އަންނަނީ އެހެން ފޮޓޯއެއް ދައްކައިގެން ކަމަށާއި، އެއަށްފަހު ކުރައްވާ ކަމަކީ މަޖިލިހުގެ މެންބަރުން ގަތުން ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ހައްގުގައި ވަކާާލާތު ކުރައްވާނެ މެންބަރުން މަދުވަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ދެން ކުރާ ކަމަކީ މި ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ވަކިވަކިން ގަތުން، ނެގުން، އެ މީހުންގެ އަނގަ ބަންދުކުރުން، އެ ނޫން އެއްވެސް ކަމެއް ނުކުރޭ." އާޒިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އާޒިމް ވިދާޅުވީ އެފަދަ ކަންކަން ހައްލު ކުރެވޭނީ ޒިންމާދާރު އަދި އަމިއްލަ އެދުމެއް ނެތް މެންބަރުން މަޖިލިހަށް އިންތިހާބު ކޮށްގެން ކަމަށެވެ. މިއަދުގެ ޖަލްސާގައި އާޒިމް ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް