ads
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލިހުގައި - ފޮޓޯ: މަޖިލިސް
މިއުޅެނީ ސިޔާސީ ނުފޫޒުތަކުން މިފްކޯ ސަލާމަތް ކުރަން: ޝިޔާމް
މިފްކޯއަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވުން ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ އެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ހާލަތަށް ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ސަރުކާރުތަކުގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ވެސް އެ ފަދަ ސިޔާސީ ނުފޫޒުތަކުގެ ޝަކުވާ މިނިސްޓަރު އަރިހުގައި މަސްވެރިން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ހުވަދޫއަށް ދިޔައީމަ ހުވަދޫގެ ބައެއް މަސްވެރިން އެބަ ވިދާޅުވޭ، ކީއްވެގެންހޭ މިވެނި މީހެއްގެ ނުފޫޒާ ބާރުން، މިވެނި މީހަކު ބޭނުންވާ ގޮތަކަށް ހުރިހާ މަގާމުތަކަށް މީހުން ލައިގެން، މިވެނި މީހަކު ބޭނުންވާ ގޮތަކަށް މިފްކޯ ހިންގަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ސިޔާސީ ނުފޫޒުތަކުން މިފްކޯ ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާތީ ބައެއް މެންބަރުންނަށް އުނދަގޫ ވެގެން އުޅޭ ކަމުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ މިކަން ހުއްޓާލަން، މިކަން އަޅުގަނޑުމެން ހުއްޓާލަން އުޅޭތީ، އިއްޒަތްތެރި ރައީސް، މިއުޅެނީ އުނދަގޫ ވެގެން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުވަދޫގެ މަސްވެރިންނާ ބައްދަލުކުރެއްވުމުން، ވަކި މެންބަރެއްގެ ނުފޫޒުން މިފްކޯ ސަލާމަތް ކޮށްދެއްވުން އެދި މަސްވެރިން އާދޭސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިފްކޯ ރިފޯމްކޮށް ރީސްޓްރަކްޗާ ކުރައްވާނެ ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުން، ކޫއްޑޫގައި ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިނިސްޓަރު ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ނިންމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަ މަހުގެ ކުރިން ދައްކާ ހަލާސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް