ads
އަނަސްގެ މަރުގެ މައްސަލަ ސާބިތެއް ނުވި
ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީގެ ހަ އަހަރު ކުރިން މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މުހައްމަދު އަނަސް، ފެންފިޔާޒުގޭ/ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. 

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ބާކީ ހަތް މީހުންނަކީ އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ، އުސްމާން ޝަރީފް، މ. ދިމިޝްގު، ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ، ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ، ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746 އަދި މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ އެވެ. މިއިން އެކެއްގެ މައްޗަށްވެސް ކުށް ސާބިތު ނުވިއެވެ. މައްސަލަ ބަލައި ހުކުމް ކުރީ އަލީ ނަދީމްއެވެ.

އަނަސްގެ މަރުގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައި ވަނީ، އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާ ދޭން ރާވައިގެން ނޫން ކަމަށާއި އެކަން ހިނގީ އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށެވެ. އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނުގައި 37 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން، ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވިއިރު، މި މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ވަނީ ކުރިން އިއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް