ads
"ދިރާސާ ކުރައްވަން އުމަރު ކުރެއްވި ދަތުރުތަކުން ފައިދާއެއްނުވި"
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުހޯދުމަށް "ހާޑް ލަވް އެޕްރޯޗް" ދިރާސާކުރުމަށް ބޭރު ޤައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ދަތުރުތަކުން ލިބުނު ފައިދާއެއް ނެތްކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
Advertisement
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލުހޯދުމަށް "ހާޑް ލަވް އެޕްރޯޗް" ދިރާސާކުރުމަށް ބޭރު ޤައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ދަތުރުތަކުން ލިބުނު ފައިދާއެއް ނެތްކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒް މިފަދައިން ވިދާޅުވެފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމަށް ފާޑު ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަ އެވެ.

ޓެކްސީ ޑްރައިވާ ޤާސިމް ހަސަންގެ މަރުގެ މައްސަލައާއި ގުޅުވައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމަށް ފާޑު ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވަނީ، ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އަދި ވިދާޅުވީ، އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމް އަލުން މުރާޖައާކުރަންޖެހޭ ކަމަށެވެ.

"މަސްތުވެފައި ތިބޭ މީހުން މަގުމަތީ ހިނގައިނުގަނެވިފައި. އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ އެ މީހުން. އަދިވެސް ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ؟ މަރްހޫމް ޤާސިމްގެ ހިތާމަވެރި، އަނިޔާވެރި މަރުން ފިލާވަޅު ލިބިގަނެ މި ނިޒާމް އަލުން މުރާޖަޢާކުރަންޖެހޭ" ޑރ. ޖަމީލްގެ ޓްވީޓްގައި ވެއެވެ.

ޑރ. ޖަމީލްގެ އެ ޓްވީޓަށް ރައްދު ދެއްވާ މުހުތާޒްވެސް ވަނީ ޓްވީޓެއް ކުރައްވާއެވެ. އެގޮތުން މުހުތާޒް ވިދާޅުވެފައިވަނީ ޑްރަގް ކޯޓުގެ މައްސަލައެއް މިކަމުގައި ނެތްކަމަށެވެ. އަދި މުހުތާޒް ވަނީ ޑރ. ޖަމީލް މަޤާމުގައި ހުންނެވި އިރު މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ނުހޯއްދެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އެމައްސަލައިގައި "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން މުހުތާޒް ވިދާޅުވީ، ޑރ. ޖަމީލް ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިރު "ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް"ގެ ޗެއާއަކަށް އިންނެވީ ޖަމީލް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކައުންސިލްގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންނެވި ކަމަށްވެސް މުހުތާޒް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނެއް އެބައޮތްކަމަށާއި، އެ ޤާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާކަމަށެވެ. އަދި އެ ޤާނޫނު ތަންފީޒު ކުރުމަށް އޭރުވެސް މަސައްކަތް ކުރެވިފައި ނުވާކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ބޭނުންފުޅު ވެލެއްވީ "ހާޑް ލަވް އެޕްރޯޗް" ބޭނުންކުރެއްވު ކަމަށެވެ.

"އުމަރު ބޭނުންފުޅު ވެލެއްވީ ހަރުކަށިކޮށް އެކަމާއި މެދު ފިޔަވަޅު އެޅުމަށް. "ހާޑް ލަވް އެޕްރޯޗް" ބޭނުންވާކަމަށް ވިދާޅުވޭ. އެއީ މަރުގެ ހުކުމް ނުވަތަ 25 އަހަރުގެ ޖަލު ހުކުމެއް. އަދި އެކަން ދިރާސާ ކުރުމަށް ޤައުމުތަކަށް ދަތުރުވެސް ކުރެއްވި." މުހުތާޒް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ ދަތުރުތަކުން ވީ ފައިދާ އެއް ނެތްކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވި ނަމަ އެކަންވެސް ކުރެވުނީސް ކަމަށާއި، ވިހަގަދަ އިންޖެކްޝަން ތަނެއް ނުގެނެސްވެސް އެކަން ވާނެކަމަށް މުހުތާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ތަންފީޒު ނުކުރެވި އެ ދަތުރުތައް ބޭކާރު ކަމަކަށް ވެގެންދިޔަ ކަމަށް ވިދާޅުވި އެވެ.

މުހުތާޒް ވިދާޅުވީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ބުނާގޮތުން ޖަލުތަކުގައި ރިހިބިލިޓޭޝަން ސެންޓަރުތައް ހުންނަންޖެހޭ ކަމަށެވެ. އަދި އުމަރު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން މާފުށީ ޖަލުގައި ރިހިބިލިޓޭޝަން ސެންޓަރަކަށް ހަމަޖެއްސީ "ޔުނިޓް 2ގެ އީ.ސީ" ކަމަށް މުހުތާޒް ވިދާޅުވި އެވެ. އެހެންނަމަވެސް އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ފަހުން އެތަން ބަދަލުވެގެން ދިޔައީ ސިޔާސީ އެކި ކުއްވެރިންނާއި މަރަށް ހުކުމް ކޮށްފައިތިބި ޤައިދީން ބައިތިއްބާ ތަނެއްގެ ގޮތުގައިކަން މުހުތާޒް ފާހަގަކުރެއްވި އެވެ.

ޑރ. ޖަމީލަށް ފާޑު ވިދާޅުވި މުހުތާޒް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ރާއްޖޭގައި އޮތް މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރަނގަޅަށް ތަންފީޒު ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޑރ. ޖަމީލް ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިރު "ނެޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް"ގެ ޗެއާއަކަށް އިންނަވާ އެކަން ރަނގަޅަށް ކުރެވިފައި ނުވާކަން މުހުތާޒް ފާހަގަކުރެއްވި އެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދެއްކެވުމުގެ ކުރިން އެ ރަނގަޅަށް ތަންފީޒު ވުމަށް ފުރުސަތު ލިބެންޖެހޭކަމަށް މުހުތާޒް ވިދާޅުވި އެވެ. އަދި މުހުތާޒް ވިދާޅުވީ މަޤާމުގައި ހުންނެވި އިރު ބާރު އޮވެ، އޭރު ކަމެއް ނުކުރައްވާ މިހާރު ކަންކަމަށް ފާޑުވިދާޅުވުން ރަނގަޅު ނޫންކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް