މީހެއްގެ ހޫނު ނޭވާ މޫނުމައްޗަށް އެޅުމުން ސިހިފައި ނަވްޔާ ލޯ ހުޅުވައިލިއެވެ. ގުދަށް އޮތް ހައްޔާން ފެނުމާ އެކު ނަވްޔާގެ ދެ ލޯ ބޮޑުވިއެވެ.
"ކީއްކުރަނީ މިތާ؟ ހަމަ މިހާރު ނުކުމޭ!"
އެ ވަގުތު ނަވްޔާގެ އަނގަމަތީގައި ހައްޔާން އަތް އެޅިއެވެ.
"ޝޫ. މާ ބާރަށް ވާހަކަ ނުދައްކާ. އަޒްކާއަށް ހޭލެވިދާނެ." ހައްޔާން މޮޔައެއް ހެން ބުންޏެވެ.
"ނަވްޔާއަށް އެނގޭތަ؟ އަހަރެން ނަވްޔާއަށް ބޭނުންވާ ވަރު؟" ވާހަކަދައްކަމުން ނަވްޔާގެ އަނގަމަތިން ހައްޔާން އަތް ނެގިއެވެ.
"ހަޅޭއް ނުލަވައްޗޭ."
"ޕްލީސް ހައްޔާން. ތިހެން ނުހަދާ، އަޒްކާއަށް އެނގިއްޖިއްޔާ ކިހާ ދެރަވާނެ." ހައްޔާނަށް ވިސްނައިދެވޭތޯ ނަވްޔާ އުޅުނެވެ.
"އަހަރެން ބޭނުންވަނީ ނަވްޔާ، އަޒްކާއެއް ނޫން. ނަވްޔާ. އެކަމަކު އަހަރެންނަށް މަޖުބޫރުވީ."
"ނަވްޔާދެކެ އަހަރެން ލޯބިވާކަން އެނގެއެއްނު. ކައިވެނި ކުރީ ވެސް ތުނޑީގައި. ނަވްޔާ އެދުނު ގޮތަށް. ކައިވެނި ޕާޓީގެ ހުރިހާ ކަމެއް ވެސް ނިންމީ ނަވްޔާ ބޭނުންވިގޮތަށް. އަހަރެން މިހާ ލޯބިވާ އިރު ވެސް ކީއްވެތަ ނަވްޔާއަށް ނުވިސްނެނީ؟ ނަވްޔާ ވެސް އަހަރެންދެކެ ލޯބިވެއެއްނު؟ ދެން ކޮބާ މައްސަލައަކީ؟ އަޒްކާއަކަށް ނޭނގޭނެ."
"ތިއީ ލޯތްބެއް ނޫން. ހައްޔާން ޕްލީސް، އަހަރެންގެ ގައިގައި އަތްނުލާ."
ހައްޔާންގެ އަތްދަށުން ސަލާމަތް ވާން ނަވްޔާ މަސައްކަތް ކުރިއެވެ. ނަމަވެސް ނަވްޔާގެ ލޮލުން ފެންނަމުން ދިޔަ ބިރުވެރިކަމާއި ސިހުމަށް ފަރުވާލެއް ނުބަހައްޓާ ނަވްޔާގެ ގައިމައްޗަށް ހައްޔާން ވެއްޓިގަތީއެވެ. ނަވްޔާގެ އާދޭހާއި ރުއިމަކުން އެ ހިތަކަށް އަސަރެއް ނުކުރިއެވެ.
އެރޭ ދިމާވި ހާދިސާއިން އަރައިގަތުމަށް އެހީވީ ނަސީމާއްތައެވެ. ނަސީމާއްތަ އެހީވީ އަމިއްލަ އެދުމެއް އޮވެގެން ނަމަވެސް އެ ވަގުތަށް އެއީ ނަވްޔާއަށް ލިބުނު ހިތްވަރަކަށް ވިއެވެ. އެކި ގޮތްގޮތުން އެ އަނދިރި ސިއްރު ވަންހަނާ ކުރުމަށް ނަސީމާ ނަސޭހަތް ދިނެވެ. އަޒްކާއަށް އެނގިއްޖެނަމަ އަޒްކާގެ ހިތް ކުދިކުދި ވެދާނެ ކަމުގައި ނަސީމާ ބުންޏެވެ. އަލަތު ކައިވެނީގެ ރޭ ފިރިމީހާ އެހެން އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން އެނގިއްޖެނަމަ ވާނީ ކިހިނެއްތޯ ނަސީމާ އެއްސެވެ. އިންސާފު ހޯދާށޭ ކިޔާފައި އަޒްކާގެ ދިރިއުޅުން ހަލާކުކޮށްލަން ނަވްޔާއަށް ކެރޭނެތޯ ނަސީމާ އެހިއެވެ.
ނަވްޔާ ބަލިވެ އިންކަން އެނގުމުން ނަސީމާ ބޭނުންވީ ވީހާ ވެސް ދުރަކަށް ނަވްޔާ ފޮނުވައިލާށެވެ. ނަވްޔާ ކައިވެންޏަށް ރުއްސަން ވެސް ނަސީމާ ބޭނުންކުރީ އަޒްކާއެވެ. އަޒްކާ ވެސް ބަނޑުބޮޑު ކަމަށާއި އަޒްކާގެ ދިރިއުޅުން ސަލާމަތްކޮށް ދޭން އެދި ނަސީމާ އާދޭސް ކުރިއެވެ. އާއިލާ ބަދުނާމު ވެއްޖެ ނަމަ ބޮޑުބެއަށް މީހުންތަކުގެ ތެރެއަށް ނުކުމެ އުޅެން ނުކުރޭނެ ކަމަށާއި އެ އުމުރުގައި މީހުންގެ މަލާމާތުގެ އަޑު އަހާނެ ހިތްވަރެއް ނުހުންނާނެ ކަމުގައި ނަސީމާ ބުންޏެވެ.
ނަސީމާ ބުނި ހުރިހާ ކަމަކަށް ނަވްޔާ އެއްބަސްބިއެވެ. ބަދަލުގައި ނަވްޔާ ބޭނުންވީ އެންމެ ކަމެކެވެ. ބޮޑުބެ ގާތުގައި ނަވްޔާގެ އަގު ހިފަހައްޓައި ދިނުމެވެ. ނަމަވެސް އެ ވަރު ވެސް ނަސީމާއްތަ ކޮށް ނުދިނެވެ. މިރޭ އެންމެ ގާތް އެކުވެރިޔާގެ ހިތުގައި ވެސް ނަވްޔާއާ ދޭތެރޭގައި ޝައްކު އުފެދިއްޖެއެވެ. މިވަރުގެ ހިތްދަތިކަމެއް މި ލިބެނީ ކޮންގޮތަކަށް އުޅެވިގެން ބާވައޭ ނަވްތާ ހިތަށް އަރަމުން ދިޔައެވެ. ޙަޔާތުގެ ބައިވެރިއަކަށް ނަވްޔާދެކެ ލޯބިވާ ހެޔޮލަފާ ފިރިއެއް ދެއްވުމަށް އެދި ނަވްޔާ ކިހާ ދުޢާއެއް ކުރިހެއްޔެވެ؟ މި ދުނިޔެ މަތިން ނަވްޔާ ހަމައެކަނި އެދުނު އެދުމަކީ އެއީ އެވެ. އޭނާގެ ދުޢާ އިޖާބަ ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟ މާތްﷲގެ ރަހްމަތްފުޅުން އޭނާ ބޭރުވީ ހެއްޔެވެ؟ އެކި ކަހަލަ އެއްޗެހި ނަވްޔާގެ ހިތަށްއަރާ ފައިބަމުން ދިޔައެވެ. އެހެން އޮއްވާ ނަވްޔާއަށް ނިދުނު އިރެއް ވެސް ނޭނގެއެވެ.
ފަތިސް ނަމާދުގެ އަޑަށް ނަވްޔާއަށް ހޭލެވުނެވެ. ބަންގީގެ އަޑުން ނަވްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރޭގައި ކުރެވުނު ނޭދެވޭ ޚިޔާލުތަކުގެ މަތިން ހަނދާންވުމާ އެކު ނަވްޔާ ހިތާހިތާ ތައުބާވިއެވެ. އެއްވެސް މީހަކަށް ނުއުފުލޭ ބުރައެއް އެމީހަކަށް ނުޖައްސަވާނެއެވެ. މުސީބާތަކޭ ހީވި ނަމަވެސް އެ ކަމެއްގެ ސަބަބުން އަޅާއާއި އެ އަޅުގެ ވެރި ރައްބާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅުވެއްޖެ ނަމަ އެއީ އެމީހަކަށް ލައްވާ ރަހުމަތެއް ކަމުގައި ނޫނީ ނުވާނެއެވެ. ނަވްޔާ އަވަސްއަވަހަށް ތެދުވެ ވުޝޫކޮށްގެން ނަމާދަށް އެރިއެވެ.
އޭގެ ހަފްތާއެއްގެ ފަހުން ނަވްޔާގެ ކައިވެނި ކުރެވުނެވެ. ހަމަ އެރޭ ފުރާ ދޯނިން މާލެ ދިޔުމަށް ވެސް އޮތީ ހަމަ ޖެހިފައެވެ. އޭގެ އަނެއް ދުވަހު ހަކީމުގެ ރަށަށް ދާގޮތަށެވެ. ނަސީމާ ހުރިހާ ކަމެއް ވެސް ރޭވީ އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ސިއްރުންނެވެ. އިމާޒުގެ ގާތުގައި ވެސް ބުނެގެން ނުވާނެ ކަމަށް އަޒްކާއަށް އެކި ފަހަރު މަތިން އެންގިއެވެ.
އެ ދުވަހުގެ ހަވީރު ހަރީރާއާއި ފަރްހާގެ ކައިރިއަށް ނަވްޔާ ދިޔައެވެ. އެ މީހުންނަށް އެނގިފައި އޮތީ ނަވްޔާ ކިޔަވަން މާލެ ދަނީ ކަމުގައެވެ. ނަވްޔާއަށް ދޭން ތައްޔާރުކޮށްފައި ހުރި ތެލުލި ބަނބުކެޔޮ ދަޅަކާއި ފަތް ދަޅެއް ހަރީރާ ދިނެވެ. ހެޔޮ ދުޢާ ކުރުމަށް ފަހު ލޯތްބާއި ކުލުނާ އެކު ނަވްޔާގެ ގައިގައި ބައްދައިލިއެވެ. ނުރޯން މަސައްކަތް ކުރި ނަމަވެސް ނަވްޔާގެ ލޮލުން ކަރުނަ އައެވެ. މަންމައެއް ފަދައިން އަބަދު ވެސް ހެޔޮ ނަސޭހަތްދީ ހެދި މީހަކީ ހަރީރާއެވެ. މިއަދު އެ ނަސޭހަތްތަކުގައި ކޮޅުފައިން ޖަހާފައި ދެވެނީ ކަމުގެ އިހުސާސް ނަވްޔާއަށް ކުރެވެމުން ދިޔައެވެ. ފަރްހާގެ ގާތުގައި މާގިނަ އިރަކު ނަވްޔާ މަޑެއް ނުކުރެއެވެ. އެކުވެރިޔާއަށް ޓަކައި ފަރްހާ ހުރީ އުފަލުންނެވެ. ކިޔަވައިގެން މޮޅު މީހަކަށް ވީ ނަމަވެސް ފަރްހާގެ މަތިން ހަނދާން ނައްތައިނުލާން ފަރްހާ އެދުނެވެ. ހަރިރާއާއި ފަރްހާއާ ނަވްޔާ ސަލާމްކުރީ އުމުރަށް ކުރެވޭ ސަލާމަކަށް ވެދާނޭ ކަން އެނގިހުރެ ހިތާހިތާ ކަރުނަ އަޅަމުންނެވެ.
ކައިވެނީގައި ބައިވެރިވީ ހަމައެކަނި ބޮޑުބޭބެއާއި ނަސީމާއްތައެވެ. ކައިވެންޏަށް ތައްޔާރުކޮށްދޭން އަޒްކާއާއި ފަރްހާއެއް ނެތެވެ. ކައިވެނި ކުރެވުމުން މަރުހަބާ ކިޔާނެ މީހަކު ނެތެވެ. ހެޔޮ ދުޢާ ކޮށްދޭނެ މީހަކު ވެސް ނެތެވެ. ކައިވެނީގެ މެހެފިލް ޒީނަތްތެރި ކުރާނެ ބޮތްކެއް، މަލެއް ނެތެވެ. އަރުތެރެ ތެންމާލާނެ ޖޫސްތައްޓެއް، ކާލާނެ އެއްޗެއް ނެތެވެ. ކައިވެންޏާ ދޭތެރޭގައި ނަވްޔާ ކުރި ހުރިހާ އުންމީދެއް އަނދާ ހުލިވެއްޖެއެވެ.
ކައިވެނިކޮށް ނިމުމުން ހަކީމު ދިޔައީ ފުރުމުގެ ކަންތައް ހަމަ ޖައްސާށެވެ. ބޮޑުބެ ދިން ސިޓީ އުރަ ހިފައިގެން ކައިވެނި ކޮށްދިން މީހުން ދިޔުމުން ބޮޑުބެ ވެސް ތެދުވިއެވެ. ނަވްޔާ ހިތްވަރުކޮށްފައި އެންމެ ފަހުގެ ސަލާމްކުރުމަށް ބޮޑުބެގެ ގާތަށް ޖެހިލިއެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސް ބައްޕައެއްގެ ލޯބި ނަވްޔާއަށް އިހުސާސްކޮށް ދިނީ އެ ބޮޑުބޭބެއެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް ބޮޑުބެ އަތުގެ ހިމާޔަތަށް ދާން ބޭނުންވިއެވެ. ނަމަވެސް ނިޒާރު އެ ފުރުޞަތެއް ނަވްޔާއަކަށް ނުދިނެވެ.
"ބޮޑުބޭ." ނަވްޔާ އަޑު އައީ ބެދިގެންނެވެ.
ނިޒާރު ވައަތް އުފުލައިލާފައި ނަވްޔާ ދައްކާ އެއްވެސް ވާހަކައެއް އަޑު އެހުމުގެ ނިޔަތެއް ނެތްކަން ފާޅުކޮށްލިއެވެ. ނަވްޔާގެ އަތަށް ވެސް ސިޓީ އުރައެއް ދީފައި ކޮޓަރިއަށް ގޮސް ވަނީ ބަލައިވެސް ނުލައެވެ. ސިޓީއުރަ މޭގައި ޖައްސައިލުމާ އެކު ނަވްޔާގެ ލޮލުން ކަރުނަ އޮހިގަތެވެ. އަނގައިން ވެސް ނުބުނެ ނަސީމާ ވެސް ނިޒާރުގެ ފަހަތުން ދިޔައީއެވެ.
ލޮލުން ކަރުނަ ފޮހެމުން ކޮޓަރިއަށް ދާން ނަވްޔާ ހިނގައިގަތެވެ. އެ ވަގުތު ދޮރު ކައިރީގައި ހުރި އަޒްކާ ނަވްޔާއަށް ފެނުނެވެ. ނަސީމާ ބުނުމުން ވެސް އަޒްކާއަށް ނައިސް ނުހުރެވުނީއެވެ. އަޒްކާގެ ކައިރިއަށް ނަވްޔާ ދިޔައެވެ.
"އަޒްކޯ، އަޒްކޮ ދޮގުހެދީ ކީއްވެ؟ ބުނީމެއްނު އަހަރެންގެ ކައިވެނި ކުރެވޭ ދުވަހު ތައްޔާރުކޮށް ދޭނީ އަޒްކޮއޭ، އެންމެ އުފާވާނީ އަޒްކޮއޭ،" ކަރުނައިގެ ތެރެއިން ނަވްޔާ ވާހަކަދެއްކިއެވެ.
"ދޮގު ހެދީ ނަވް، އަހަރެންނާ ހުރިހާ ކަމެއް ހިއްސާ ކުރާނަމޭ ބުނީމެއްނު. ދުވަހަކު ވެސް އަހަރެންނާ ވަތްކެއް ނުވާނަމޭ ބުނީމެއްނު. އެކަމަކު މިއަދު ތި ދަނީ އަހަރެންނާ ވަކިވެގެން މާ ދުރަށް." އަޒްކާ އަށް ވެސް ރޮވެނީއެވެ.
"ކީއްވެ ނަވް، ކީއްވެ؟" އަޒްކާ އަނެއް ފަރާތަށް އެނބުރުނެވެ.
"އަޒްކޯ، އަޒްކޮ ވެސް އަހަރެންނާ ސަލާމެއް ނުކުރާނަންތަ؟ އަހަރެންނަށް ހެޔޮ ދުޢާ ކޮށް ނުދޭނަންތަ؟" ނަވްޔާ އެހިއެވެ.
އެއާ އެކު ނަވްޔާގެ ގައިގައި އަޒްކާ އޮޅުލައިގަތެވެ. ދެބެން ރޮމުން ވަކިވުމުގެ ސަލާމް ކުރިއެވެ. ހަކީމު އައިސް ކަރުކެހިލުމުން އަޒްކާ ދުރަށް ޖެހިލާފައި ރޮމުން އެ ގެއިން ނުކުމެގެން ދިޔައެވެ. އަޒްކާ ގޮސް އޮބާލަންދެން ބަލަން ނަވްޔާ ހުއްޓެވެ.
"އަދި ފުރަން ގަޑިއެއްގެ އިރު އެބައޮތް އެކަމަކު ދޯންޏަށް އަރަން ދާންވީނު." ހަކީމު ބުންޏެވެ.
ލޮލުން ކަރުނަ ފޮހެމުން ނަވްޔާ ބޯ ޖަހައިލިއެވެ. އެ ގޭގައި ދެން އިތުރަށް ހުރުމުގެ ބޭނުމެއް ނެތެވެ. އެގެއަކު ނަވްޔާއަކަށް ޖާގައެއް ނެތެވެ. އެ ގޭ މީހުންގެ ހިތުން ވެސް އޭނާއަކަށް ޖާގައެއް ނުލިބުނެވެ. ފޮށި ހިފައިގެން އަންނަނީ ކަމަށް ބުނެފައި ނަވްޔާ ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެފައި އެންމެ ފަހުގެ އެއްޗެހި ނަގާ ދަބަހަށް ނަވްޔާ އެޅިއެވެ. ކޮޓަރި ތެރެ ތަރުތީބުކޮށްލުމަށް ފަހު ވަށައިގެން ބަލައިލިއެވެ. ހިތްހަމަ ޖެހޭ ވަރުވުމުން ފޮއްޓާއި އަތް ދަބަސް ހިފައިގެން ނުކުފައި ދޮރުމަތީގައި ނަވްޔާއަށް މަޑުކޮށްލެވުނެވެ. އެންމެ ފަހު ފަހަރަށް ކޮޓަރިއަށް ނަޒަރު ހިންގައިލި އިރު އަނެއްކާ ވެސް ކަރުނައިން ދެ ލޯ ބަރާވެއްޖެއެވެ. ނަވްޔާގެ ޙަޔާތުގެ ބޮޑުބައި ހޭދަ ކުރީ އެ ހަތަރު ފާރުގެ ތެރޭގައެވެ. އަޒްކާއާ އެކު އެ ކޮޓަރީގައި ހޭދަވި ދުވަސްތައް ހިތަށް ސިފަވަމުން ދިޔައެވެ. އެކިއެކި ވާހަކަދައްކަން ދަންވަރު އެނދަށް އަރާ ތިބޭ މަންޒަރެވެ. ނަސީމާއްތައަށް ސިއްރުން އަޒްކާ ގެނެސްދޭ ޗޮކުލެޓު ފަދަ އެއްޗެހި ދެ މީހުން ވެގެން ކައި ހެދި ދުވަސްތަކެވެ. އަޒްކާގެ ބޮލުގައި ނަވްޔާ ފުނާ އަޅައިދޭ ހަނދާނެވެ. ކަރުނަތައް އޭގެ މަގާމު ދޫކޮށްފައި ނަވްޔާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ނަވްޔާގެ ހުރިހާ އެއްޗެއް ބީވެގެން ދިޔައީ ވެސް ހަމަ އެ ކޮޓަރި ތެރޭގައެވެ. މަޑުމަޑުން ނަވްޔާ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ޙަޔާތުގެ އެ ސަފްހާ އަބަދުގެ އަބަދަށް ލައްޕައިލަމުންނެވެ.
ހަތް އަހަރު ފަސް
ރަތްކުލައިގެ ކާރެއް ގޭގެ ޕޯޓިކޯއަށް މަޑުކޮށްލުމާ އެކު ފަހަތު ދޮރު ހުޅުވާލައިފައި ނުކުތް އަންހެންކުއްޖާ ހުރީ ގަޔަށް ދޫކޮށް ފަހާފައިވާ ހުދުކުލައިގެ ގަމީހަކާއި ޑިޒައިންފޮތީގެ ދިގު ސްކާރޓެއް ލައިގެންނެވެ. އަޅައިގެން ހުރި ކްރީމްކުލައިގެ ޝޯލް ރީތިކޮށްލަމުން އެ ކުއްޖާ އެތެރެއަށް ވަންނަން ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ.
ސިޓީންގްރޫމް ސޯފާގައި އިށީނދެގެން ފޮތެއް ކިޔަން އިން އަމީނާ އިރުއިރުކޮޅާ ގަޑި ބަލައިލައެވެ. އުމުރުން ދުވަސްވެފައިވާ އިރު އަމީނާގެ މޫނުމަތިން ފާޅުވަނީ ހައިބަތާއި ގަދަރުވެރިކަމެވެ. ދޮރުހުޅުވައިލި އަޑަށް އަމީނާ އިސް އުފުލައި ބަލައިލިއެވެ. އެތެރެއަށް ވަން އަންހެންކުއްޖާ ފެނުމުން އަމީނާގެ މޫނުމައްޗަށް ވެރިވީ ކުލުނުން ފުރިގެންވީ ހިނިތުންވުމެކެވެ.
'ދަރިފުޅާ ނަވްޔާ، ހާދަ ލަހަކުން މިއަދު ތިއައީ؟"