ހުޅުމާލޭގައި ދިރިއުޅޭ މުހައްމަދު ރިޔާޒް ކިޔާ މީހަކު ރައީސް މުއިއްޒު އަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގައި ސިއްހީ ނިޒާމް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްތަކާއި، އެހޮސްޕިޓަލްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ދިރިއުޅެމުންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެހާގިނަ މީހުންނަށް ހިދުމަތް ދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭކަމަށެވެ.
އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެހާ ބައިވަރު މީހުންނައް ހިދުމަތްދޭން އިތުރު ހޮސްޕިޓަލެއް ވެސް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސްވެސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.