ads
ޕީއެންއެފް އުފައްދަން ބޭނުންވާ އަދަދަށް އީސީއަށް ފޯމް ހުށަހަޅައިފ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީން ހުއްދަ ދީފައިވާ، ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތުން ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި، 3060 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާ ކަމަށް ހަބީބް ވިދާޅުވި އެވެ. 

"މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ." ހަބީބް ވިދާޅުވި އެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީީސް ޔާމީންގެ ދަރިކަލުން  ޒެއިންއަށް އީސީން ހުއްދަ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ މި ޕާޓީގެ އިސް ސަފުގައި ހަރަކާތެރިވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މިއަދު "އެކްސް"ގައި ވިދާވެފައިވަނީ، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ވީހާވެސް އަވަހަކަށް ކޮމިޝަނުން ދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އެންޑޯޒް ކުރައްވައި ނެރުއްވި ކެންޑިޑޭޓް ކަމަށް ވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އިންތިހާބުވެވަޑައިގަތް ހިސާބުބް ކަންކަން ބަދަލުވާން ފަށައި، ޕީޕީއެމްގެ ލީޑާޝިޕާއި ރައީސް ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް އުފެދުނެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން، ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް