ads
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ތެލަސީމިއާ ހޮސްޕިޓަލު އަޅަން ބޭނުންވާ ބިން ހަމަޖެހިއްޖެ: މިނިސްޓަރު
ތެލަސީމިއާއަށް ފަރުވާދޭން ގާއިމުކުރާ ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ބިން ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމު ކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވައިން 71،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލު އަޅަން ކަނޑައަޅާފައިވަނީ 72،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ބަޖެޓާ ގުޅޭގޮތުން މީގެ ކުރިން ރައީސް އޮފީހުން ބުނެފައި ވަނީ އެ ހޮސްޕިޓަލް އެޅުމުގެ ހަރަދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ބަޖެޓަކާއެކު ކުރިއަށްދިޔުމަށް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ކުދިން ރާއްޖެއިން ބޭރަށް ފޮނުވަން ފަށައިފައެވެ. އެގޮތުން މިހާތަނަށް ދެ ކުއްޖަކު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ.

ތެލެސީމިއާ ފަރުވާ ހޯދުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކަމުގައި ވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއްދީ ކުއްޖާ ބަލަހައްޓަން ޖެހެ އެވެ.

ތެލެސީމިއާ ބަލީގައި މިހާރު ވެސް 650 ކުދިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާ ހޯދަމުން ދެއެވެ.

ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ސަރުކާރުން ފާހަގަކުރައްވަ އެވެ. އެގޮތުން ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގެ ތެރެއިން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ ކަންކަން އެކުލަވާލައި އެކަންކަން މިހާރު ފަށާފައިވާކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް