ads
ކެނދިކުޅުދޫގައި އީކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަނީ
ނ.ކެނދިކުޅުދޫގައި އީކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގަވައިދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

ރައީސް ވިދާޅުވީ ކެނދިކުޅުދޫ އަކީ ރާއްޖޭގެ އެހެން ރަށްތަކާ އަޅާބަލާއިރު ގުދުރަތީ ވެށި ވަރަށް ރީތި އަދި ތަފާތު ރަށެއްކަމަށާއި އީކޯ ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑު ރަށެއް ކަމަށެވެ.

ހަމައެހެންމެ ގުދުރަތީ ވެށި އޮތްގޮތުން، މިއީ ރަށަށް އިގްތިސޯދީ މަންފާ ވެއްދުމަށް ރަށުގެ ތިމާވެށީގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ރަށެއްކަމަށާއި މީގެ ސަބަބުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތަކެއް ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުގައި އުފައްދަވާފައިވާ "ވިޒިޓަރ އިކޮނޮމީ ކައުންސިލް" އަކީވެސް، ރާއްޖޭގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ފުރުސަތުތައް ބަލާ އެމަގުން މަސައްކަތްކުރެއްވުމަށް އުފެއްދި ކައުންސިލެއްކަމަށާއި، ކައުންސިލްގެ މަސައްކަތުގެ ތެރެއިން ކެނދިކުޅުދޫގެ އީކޯ ޓޫރިޒަމް މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.  

"ގުދުރަތީ ރީތިކަން ބަލާލަން އަންނަން ބޭނުންވާ ފަތުރުވެރިން، ސަގާފީ އަދި ތާރީހީ ކަންކަން ބަލާލަން އަންނަ ބޭނުންވާ ފަތުރުވެރިން އެބަތިބި. ރާއްޖޭގެ މިފަދަ "އެސެޓް" ބޭނުންކުރެވޭގޮތް ފަހިކުރަން އެބަޖެހޭ މިހާރު. ކެނދިކުޅުދޫގައިވެސް އީކޯ ޓޫރިޒަމްގެ ބޮޑު، ފުޅާ ޓޫރިޒަމް ފުރުޞަތެއް ހުޅުވާލާނަން. އޭރުން ބޮޑު އާމްދަނީއެއް ލިބޭނެ" ރައީސް ވިދާޅުވި އެވެ،

your imageރައީސް ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އީކޯ ޓޫރިޒަމްގެ އިތުރުން ރައީސް ވަނީ ކެނދިކުޅުދޫގައި ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ތަރައްގީކޮށްދެއްވުމާއި، ގެދޮރުއެޅުމަށް ލުއި ލޯނުގެ ފުރުސަތު ހުޅުވާލައްވާނެކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށްރަށުގައިވެސް މަގުތައް ހެދުމާއި ސިއްހީ އަދި ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް