ads
ވާދޫގެ ހުރިހާ ކައުންސިލަރުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކޮށްފި
ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން ގދ. ވާދޫ ކައުންސިލާ ގުޅޭ ގޮތުން ބެލި މައްސަލަތަކާ ގުޅިގެން އެ ރަށު ކައުންސިލް ސަސްޕެންޑުކުރުމަށް އެ އޮތޯރިޓީން ނިންމައިފި އެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ވާދޫ ކައުންސިލާމެދު ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއިރީގައި ކައުންސިލުގެ މެންބަރުންނަށް ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފއިވާ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅުންހުރި މަސައްކަތްކުރާ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލަރުންގެ ބަޔާންތައް އިންކުއިރީއަށް ނަގާފައިވާކަމަށް ވެސް އެލްޖީއޭއިން ބުނެ އެވެ.

ވާދޫ ކައުންސިލާ ބެހޭގޮތުން އެލްޖީއޭއިން ބެލި 27 މައްސަލަ:

  1. ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  2. ލާމަރުކަޒީ ގާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
  3. ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
  4. J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
  5. މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  6. ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
  7. އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
  8. ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
  9. ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
  10. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
  11. ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
  12. ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
  13. ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
  14. ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
  15. ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
  16. ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
  17. ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
  18. ކައުންސިލުން ގާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
  19. ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
  20. ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
  21. ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
  22. ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
  23. ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
  24. ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބެހެއްޓުން.
  25. ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
  26. ކައުންސިލުގެ ރައިސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
  27. ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ

އެލްޖީއޭއިން ބެލި މި މައްސަލަތަކާ ގުޅިގެން ހިންގި އިންކުއިރީން ގާނޫނުގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި ކައުންސިލުން އަދާކޮށްފައިނުވާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި ވާޖިބު އަދާކުރުމުގައި އިހުމާލުވެ، ކައުންސިލުގެ ވަސީލަތްތަކާއި ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ވާދޫ ކައުންސިލަރުން އަމަލުކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ އިންކުއިރީން ވާދޫ ކައުންސިލަރުންނާ ގުޅޭ ގޮތުން ފާހަގަކުރެވިފައިވާ ކަންކަމަކީ ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުންވާނެ ކަންކަން ކަމުގައި ފެންނާތީ ކައުންސިލުގެ މެންބަރުން ސަސްޕެންޑުކުރަން ނިންމީ ކަމަށް އެލްޖީއޭއިން ބުނެ އެވެ.

އެލްޖީއޭއިން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ސަސްޕެންޑްކޮށްފައިވަނީ ތިން މަސްދުވަހަށެވެ. އަދި ނައިބު ރައީސް ހާޝިރު މުހައްމަދާއި، ކައުންސިލް މެންބަރު ސާރާ މުހައްމަދު ދެ މަހަށް ސަސްޕެންޑުކުރި އިރު، ކައުންސިލް މެންބަރު މާރިޔަތު އިބްރާހީމް ސަސްޕެންޑްކުރީ އެއް މަހަށެވެ. އަދި ކައުންސިލް މެންބަރު މުހައްމަދު ޝިފާގު ސަސްޕެންޑްކުރީ ތިން މަސް ދުވަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް