އައިކޮމްއިން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ އިދާރާއިން ހާމަ ކުރި ގޮތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރާ ދެމެދު ކުރި ދިރާސާއެއްގެ ދަށުން ދައުލަތުގެ 935 އިދާރާއެއް ބެލިއިރު، ގާނޫނުން ލާޒިމްކުރާ ހުރިހާ މާއްދާއެއް ޝާއިއުކުރީ އެންމެ 7 އިދާރާއިންނެވެ.
އެއީ ދެ ސިޓީ ކައުންސިލާއި ހަތަރު މިނިވަން މުވައްސަސާއަކާއި ޑްރަގް ކޯޓު ކަމަށް އައިކޮމް އިން ބުންޏެވެ.
މީގެ އިތުރުން މައުލޫމާތު ޝާއިއު ކުރުމަށް ވެބްސައިޓެއް ހުރީ 494 އިދާރާއެއްގައި ކަމަށާއި 47 ޕަސެންޓް އިދާރާތަކުގައި ވެބްސައިޓެއް ނެތް ކަމަށް އައިކޮމް އިން ބުންޏެވެ.
އެ އޮފީހުން ބުނި ވަކިވަކި އިދާރާތަކަށް ބަލާއިރު، ހުރިހާ މިނިސްޓްރީއެއްގައި ވެސް މައުލޫމާތު ޝާއިއުުކުރާ ވެބްސައިޓެއް ހުރި ކަމަށެވެ. އަދި މިނިސްޓްރީތަކުގެ ދަށުން ހިންގާ 53 އިދާރާއެއްގެ ތެރެއިން 40 އިދާރާއެއްގެ ވެބްސައިޓު ހުރި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ޝަރުއީ ދާއިރާގައި ވެސް ހުރިހާ އިދާރާއެއްގައި ވެބްސައިޓު ހުރި ނަމަވެސް ޝާއިއުކުރަން ޖެހޭ މައުލޫމާތު ޝާއިއުކޮށްފައި ހުރީ ހަމައެކަނި ޑުރަގު ކޯޓުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ، އެހެން އިދާރަތަކާއި އަޅައިބަލާއިރު މިނިވަން މުއައްސަސާތަކުން ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައިވާ ކަމަށެވެ. އެގޮތުން، މިނިވަން މުއައްސަސާތަކުގެ ތެރެއިން ހަތަރު އިދާރާއަކުން ގާނޫނު ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހާމަކޮށްގެން 100 އިންސައްތަ ހާސިލު ކޮށްފައިވާކަން އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.
ކައުންސިލުތަކަށް ބަލާއިރު އެންމެ މަދުން މައުލޫމާތު އާންމުކޮށްފައިވާނީ ރަށު ކައުންސިލުތަކުން ކަމަށް އެ އޮފީހުން ބުނެއެވެ. އެންމެ ގިނަ މައުލޫމާތު ސިޓީ ކައުންސިލުތަކުން އާންމުކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލު އަދި ފުވަމުލަކު ސިޓީ ކައުންސިލުން ގާނޫނު ލާޒިމުކުރާ މިންވަރަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ސަރުކާރު ހިއްސާވާ 31 ކުންފުންޏަށް ބަލާއިރު ހުރިހާ މައުލޫމާތެއް ބަރާބަރަށް އާންމުކޮށްފައިވަނީ 26 އިންސައްތަ ކުންފުނިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތުދެއެވެ.
އިންފޮމޭޝަން ކޮމިޝަނަަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، ދިރާސާއިން ވެސް ފާހަގަވި މައިގަނޑު އެއް ކަމަކީ ޤާނޫނުން މައުލޫމާތު ހާމަ ކުރުން ލާޒި މުކުރި ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ޕްރެކްޓިސް އިދާރާތަކުގައި ނެތުމުން ހާމަކުރުމުގެ ސަގާފަތައް ހޭނުމަށް ދަތިތަކެއް ހުރިކަން ކަމަށެވެ.