ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކާއި ގުޅިގެން އެލްޖީއޭއިން ވަނީ މިހާތަނަށް ދެ ކައުންސިލަކާއި ސުވާލުކޮށްފައެވެ.
ރަސްމީ ދަތުރުފުޅެއްކަމަށް ވިދާޅުވެ ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ހަރަކާތްތައް ހިންގާފައިވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މ. ކެނދިކުޅުދޫ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާން ނެރުމުން އެ ބަޔާން ބާތިލުކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ. އަދި ރައީސް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ހޮޅުދޫގައި ހުންނަވާ ވެލިދޫ ކައުންސިލަރުން އެމަނިކުފާނާއި ބައްދަލުކުރަން އެރަށަށް އަންނަ އެނގުމުން ވެލިދޫ ކައުންސިލް ހޮޅުދޫއަށް ނުދިޔަ ސަބަބުވެސް އަންގަން އެލްޖީއޭއިން ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދަޅުވީ އެލްޖީއޭގެ އެ އަމަލުތައް މަޖލީހުން ބަލާނެކަމަށެވެ. އަދި އެލްޖީއޭގެ މެމްބަރުން ހާޒިރުކުރާނެކަމަށާއި ކޮމެޓީ ބައްދަލުވުން މާދަމާ ބޭއްވޭތީ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.