މި ޖަލްސާގައި ކެއާ ސޮސައިޓީގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް އޮޑިޓް ރިޕޯޓް އަދި މާލީ ބަޔާނުގެ ހުލާސާ އިއްވި އެވެ.
މީގެ އިތުރުން ފާއިތުވި އަހަރު އެކި ގޮތްގޮތުން މި ޖަމިއްޔާއަށް އެހީތެރި ވެދެއްވި ފަރާތްތަކުގެ އަގު ވަޒަން ކޮށް އަދި ހާއްސަ ފަރާތްތަކެއްގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ދެއްވުން އޮތެވެ.
މި ޖަލްސާގައި ކެއާ ސޮސައިޓީގެ ބޯޑުގެ އެގްޒެކްޓިވް ބޯޑްގެ ޗެއާޕާސަން، އިސްމާއިލް އަދުހަމް ވިދާޅުވީ ކެއާ ސޮސައިޓީގެ ހިދުމަތްތައް މައިގަނޑު 3 ދާއިރާއަކަށް ބަހާލެވިފައިވާ ކަމަށެވެ.
އަދުހަމް ވިދާޅުވީ ފުރަތަމަ ކަމަކީ ކުދިންގެ ޅަފަތުގައި އާލީ އައިޑެންޓިފިކޭޝަން އަދި އާލީ އިންޓަވެންޝަން ފޯރުކޮށްދިނުން މިއީ ކެއާ ސޮސައިޓީއިން އެންމެ މުހިއްމު ކަމެއްދޭ ޕްރޮގްރާމް އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެންމެ އިސްކަމެއް ދެނީ މި ޕްރޮގްރާމަށް ކަމަށެވެ.
ދެވަނަ ކަމަކީ ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ހިންގޭ ޕްރޮގްރާމް ހިންގުންމާއި ތެރަޕީ އަދި ރިހެބިލިޓޭޝަން ހިދުމަތުގެ މުހިއްމު ކަމާއި މި ހިދުމަތް ފެށުމަށް ކެއާ ސޮސައިޓީއިން ކުރަމުންދާ މަސައްކަތްތާއި ބެހޭ ގޮތައްކަމަށް އަދުހަމް ވިދާޅުވި އެވެ.
މި ދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހު ކެއާ ސޮސައިޓީއަށް 25 އަހަރު ފުރިފައިވާތ،ީ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާކަމަށާއި މިގޮތުން 25 އަހަރުގެ ދިގު ދަތުރު އާއްމުންނާ ހިއްސާކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގޭނެކަމަށް އަދުހަމް ފާހަގަ ކުރެއްވިއެވެ.
އަދުހަމް ވިދާޅުވީ 25 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފާ ކަމަށެވެ.
ކެއާ ސޮސައިޓީގެ ހިދުމަތްތައް ދިނުމަށް މިހާރު ހުޅުމާލޭ ފޭސް 2 ގައި ދޭން ފެށުމަކީ މި ޖަމްއިއްޔާގެ ހިދުމަތްތައް މާލެ ނޫން އެހެން ސަރަހައްދުތަކުގައި ދިނުމަށް ކެއަރ ސޮސައިޓީއިން ދެކެމުންދާ ހުވަފެންތަކުގެ ފެށުންކަމަށް އަދުހަމް ވަނީ ފާހަގަކުރައްވާފައި އެވެ.
އަދި މި ފެށުމާއި އެކު އިތުރު ސަރަހައްދުތަކުގެ މި ހިދުމަތް ފުޅާކުރުމަށް ކެއާ ސޮސައިޓީއިން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަދުހަމް ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވީ އެކު އެއް ފުރާޅެއްގެ ދަށުން ތަފާތު ހިދުމަތްތައް ލިބޭނެ ގޮތަކަށް މަރުކަޒެއް ހެދުމުގެ ކޮންސެޕްޓް (ޑްރީމް ޕްރޮޖެކްޓް) ކުރިއަށް ދާކަންމަށެވެ.