މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ދި ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ އެވެ. ގާނޫނު އަސާސީގެ 116 ވަނަ މާއްދާއަށް އީވާ ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ސަރުކާރުން މިނިސްޓްރީތައް އުފައްދާ ދުވަހުން ފެށިގެން 7 ދުވަސް ތެރޭގައި މިނިސްޓްރީތަކުގެ އަދަދާއި މަސައްކަތު ދާއިރާ ފާސްކުރަން މަޖިލީހަށް ހުށައަޅަންޖެހޭނެކަމަށެވެ.
އަދި ސަރުކާރުން އުފައްދާ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތު ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު މަޖިލީހަށް ފެންނަ ހިޔާލާއި މަޝްވަރާ ރައީސަށް ދެވިދާނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
މިނިސްޓްރީތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި އެ ތަންތަނުގެ މަސައްކަތްތަކަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސް މަޖިލީހަށް ހުށައަޅުއްވާ ފާސް ކުރަން ޖެހޭނެ ކަމަށްވެސް އިވާ ހުށައެޅުއްވި އިސްލާހުގައިވެއެވެ.
މި ސަރުކާރުގައި މިނިސްޓްރީގެ ތަކުގެ އަދަދަކީ 22 އެވެ. ސިޔާސީ މަގާމުތައް އިތުރު ނުކުރާނެކަމަށް މި ސަރުކާރުން ވައުދުވިނަމަވެސް ވަޒީރުން ފެންވަރުގެ ގިނަ މަގާމުތަކެއް އުފައްދާ ގިނަ އަދަދެއްގެ ނައިބު ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައި ގގިނަ ބަޔަކު އައްޔަންކުރަމުން އަންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.